ރަށްރަށު މީހުންގެ އިހުސާސް އެމަނިކުފާނަށް އެނގިވަޑައިގަންނަވަނީ އެކަން އަމިއްލަފުޅަށް ތަހައްމަލު ކޮށްފައި ހުރީމާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ މިރޭ މާލޭގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ފާއިތުވި ފަސް އަހަރު ކުރިން އަތޮޅުތެރެއަށް ނުގެނެވޭ ވަރުގެ ބޮޑު ރަނގަޅު ބަދަލެއްް ގެނެވިފައިވާކަމަށެވެ. ފެނާއި ނަރުދަމާ އަދި ކަރަންޓުގެ މައްސަލައަށް ގެނެވުނު ހައްލުތަކަކީ މުހިންމު ހެޔޮ ބަދަލުތަކެއް ކަމަށާއި، އެއީ މުހިންމު ކަމެއްގެ ގޮތުގައި ބައެއް ބޭފުޅުން ނުދެކެނީ އެކަން އަމިއްލައަށް ތަހައްމަލު ނުކުރާތީ ކަމަށެވެ.
"ރަށް ރަށު ކުދިން މާލެ އަންނަން ޖެހޭ ސަބަބު އަޅުގަނޑަށް ރަނގަޅަށް އެނގޭ. ހުދު އަޅުގަނޑު އަންނަން ޖެހުނު" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ކިޔަވަމުންދިޔަ ސްކޫލު ނީލަމަށްލާ ވިއްކާލީމާ، ދެން ކިޔަވަން ބަދަލުވާން ޖެހުނީ މާލެއަށެވެ. އެހެންނަމަވެސް، އޭރުގެ ހަނދާންތައް އަދިވެސް ހުންނަކަމަށް ރައީސް ވިދާޅުވިއެވެ،
ވަޅު ކޮނެގެން ބޯފެން ހޯދަން ކުރަންޖެހުނު މަސައްކަތާއި، ކަރަންޓު ނެތީމާ ފުޅިބައްތި ދިއްލައިގެން އުޅެންޖެހުނު ހަނދާންތައް އައު ކުރައްވިއެވެ. އަދި ، "ލޯންޗުގަ ބާރު ސްޕީޑުގައި އައިސް ވަގުތުން ކާރަށް އަރައިގެން ގެއަށް ދާ މީހުންނަކަށް ރައްޔިތުން ކުރާ އިހުސާސް ނޭނގޭނެ" ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މާލޭގައި މިހާރު އުޅޭތާ 50 އަހަރުވެއްޖެ ކަން ފާހަގަކުރައްވަމުން ރައީސް ވަނީ މާލޭގެ ރައްޔިތުންގެ އިހުސާސްތައްވެސް ދެނެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، މާލޭގެ ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގޯތި ކަނޑާފައި ދިނީ މި ސަރުކާރުންނެވެ.
މި ޖަލްސާގައި ރައީސް ވަނީ މިހާރު އިންތިހާބު އެއް ބުރުން ކާމިޔާބު ކުރެވިފައިވާކަން ރަގީންވާކަމަށްވެސް ވިދާޅުވެފައެވެ. ގާތްގަޑަކަށް 16 އަތޮޅަށް ދެވިއްޖެ ކަމަށާއި، ފެންނަނީ ރަށްރަށަށް އައިސްފައިވާ ހެޔޮ ބަދަލަށް ރައްޔިތުން ހިތްހަމަޖެހިފައިތިބިތަން ކަމަށެވެ. "މުޅި ރާއްޖޭގެ ނަތީޖާ ފުރަމާލޭގައި ބޭއްްވި މި ޖަލްސާއިން ފެނޭ. އިންތިހާބު އެއް ބުރުން ނަގާނަން" ރައީސް ވިދާޅުވިއެވެ.