މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ ހައުސިން ސްކީމްގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކޮށްފައިވާ "ޕޯޓް ރެސިޑަންސް"ގެ އެޕާޓްމަންޓްތަކަށް މަހުން މަހަށް މުވައްޒަފުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މުވައްޒަފުންނަށް އިތުރު ލުއިތަކެއް ދިނުމަށް އެމްޕީއެލްގެ ބޯޑުން ނިންމައިފައެވެ.
އެމްޕީއެލްއިން ބުނީ، މަހު ކުލި ދެއްކުމަށް މިހާރު ހަމަޖެހިފައިވާ އުސޫލަށް އެ ކުންފުނީގެ ބޯޑުން ގެނައި ބަދަލާއެކު ޑައުންޕޭމަންޓަށް ފަހު ފްލެޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ކުރިން 20 އަހަރު މުއްދަތަށް ބަހާލާ ގޮތަށް އޮތް ނަމަވެސް، އެ އުސޫލު 25 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު މުވައްޒަފުންނަށް ވަނީ ހުޅުވާލާފައިވާ ކަމަށެވެ.
"މަހު ކުލި 25 އަހަރަށް ބަހާލުމުން، ޑައުޕޭމަންޓް ފައިސާ ދެއްކުމުގެ "އޮޕްޝަން 1″ގެ ދަށުން ފައިސާ ދައްކާފައިވާ މުވައްޒަފުންނަށް އެއް ރޫމްގެ ސްޓޫޑިއޯ އެޕާޓްމަންޓް (ޓައިޕް އޭ)ގެ މަހު ކުއްޔަށް ފުރަތަމަ ފަސް އަހަރު ދައްކަންޖެހޭނީ 3،741.38ރ. އަދި އެއް ރޫމްގެ ސްޓޫޑިއޯ (ޓައިޕް ބީގެ) އެޕާޓްމަންޓަކަށް ފުރަތަމަ ފަސް އަހަރުގެ މަހު ކުއްޔަށް ދައްކަންޖެހޭނީ 3،872.94ރ" އެމްޕީއެލް އިން ބުނިއެވެ.
މީގެއިތުރުން ބާކީ އޮތް 20 އަހަރުގައި މަހު ކުއްޔަށް ދައްކަންޖެހޭނީ 4،061.54ރ (ޓައިޕް އޭ) އަދި (ޓައިޕް ބީ) 4204.37ރ އެވެ. ކުރިން އޮތް ގޮތަށް 20 އަހަރަށް ބަހާލައިގެން މަހު ކުލި ދައްކާނަމަ، (ޓައިޕް އޭ) 4،585.16ރ އަދި (ޓައިޕް ބީ) 4،746.0ރ ދައްކަންޖެހޭ ކަމަށްވެސް އެމްޕީއެލް އިން ބުނިއެވެ.
މި އޮޕްޝަންގައި 2+1 އެޕާޓްމަންޓަކަށް މަހު ކުލީގެ ގޮތުގައި ފުރަތަމަ 5 އަހަރުގެ ތެރޭގައި ދައްކަންޖެހޭނީ (ޓައިޕް އޭ) 7،015.08ރ އަދި (ޓައިޕް ބީ) 7،182.60ރ ކަމަށާއި، އަދި ބާކީ އޮތް 20 އަހަރު (ޓައިޕް އޭ) 8،073.56ރ އަދި (ޓައިޕް ބީ) 8،260.45ރ ކަމަށްވެސް އެމްޕީއެލް އިން ބުނެއެވެ.
އެމްޕީއެލް އިން ބުނީ، މި އޮޕްޝަނަށް ޑައުންޕޭމަންޓް ފައިސާ ދައްކާފައިވާ މުވައްޒަފުންގެ އިތުރުން، އޮޕްޝަން 2، 3، އަދި 4ގެ ދަށުން ޑައުންޕޭމަންޓް ފައިސާ ދައްކާފައިވާ މުވައްޒަފުންނަށްވެސް މި އުޞޫލުގެ ދަށުން ފައިސާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށް، މަހު ކުލި ކުޑަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.