ރައީސްގެ ވައުދު ރަސްގަތީމަށް: މަގު ހަދައި، ސިއްހީ މަރުކަޒު އެކްސްޓެންޝަން އިމާރާތެއް

IMG_1576

އަންނަ ދައުރުގައި ރ. ރަސްގަތީމުގެ މަގު ހަދައި، ސިއްހީ މަރުކަޒު އެކްސްޓެންޝަން އިމާރާތަކާއި، ބަނދަރުގެ މައްސަލައަށް ހައްލެއްކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ރަސްގަތީމަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ނިކުތީ ބިރުވެރި ނާމާން ކަމެއްގެ ތެރޭގައި ކަމަށެވެ. އޭރު ނިކުތީ ރައްޔިތުންނަށް ނުވެ ހުރި އެތައް ކަމެއް ކޮށްދިނުމުގެ ބޭނުމުގައެވެ.

އޭރު ރައްޔިތުން ބޭނުންވީ ބަދަލެއް ކަމަށާއި، އުފަލާއި ހަމަޖެހުމާއެކު ދިރިއުޅޭވޭނޭގޮތް ސަރުކާރުން ހަދައިދިނުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިހާރު އެ ހަމަޖެހުން ގެނެވިފައިވާ ކަމަށާއި، އޭރު އޮތް ބިރުވެރިކަން މިހާރު ރައްޔިތުން ތެރޭގައި ނެތް ކަމަށެވެ. ރައީސް ވިދާޅުވީ، ބަސް ބުނުމުގެ ހައްގު ތަފާތު ކުރުމެއް ނެތި ދެވިފައިވާކަމަށާއި، އަސާސީ ހިދުމަތްތައްވެސް ތަފާތު ކުރުމެއްނެތި ފޯރުކޮށްދެމުން އަންނަ ކަމަށެވެ. 2018 ވަނަ އަހަރު އެމްޑީޕީއިން ވީ ވައުދުތަކުގެ ތެރެއިން 90 އިންސައްތަ ވައުދު ނިމިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އަންނަ ދައުރުގައި ރަސްގަތީމަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް މިހާރު ނިންމާފައިވާ ކަމަށާއި، ސިއްހީ މަރުކަޒަށް އެކްސްޓެންޝަން އިމާރާތެއް އަޅައި އެތަނުން ލިބޭ ހިދުމަތްތައް އިތުރު ކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ. އަދި، ސްކޫލުގައި މަލްޓި ޕާޕަސް ހޯލެއް އަޅައި، ބަނދަރުގެ ނެރު ފައި ކަށި ދިގުކޮށް ބޭރު ތޮށީގައި ދޯނި އެޅޭގޮތްވެސް ހަދައިދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

މީގެއިތުރުން، އަނގޮޅިތީމުގައި ހުރި ފަދަ ކަލްޗަރަލް ސެންޓަރެއްވެސް ރަސްގަތީމުގައި ހަދައި، މޫދަށް އެރެވޭނެ ރަނގަޅު ސަރަހައްދެއްވެސް ހަދައި، އޭޓީއެމްއަކާއި ކުޑަކުދިންގެ ޕާކެއްވެސް އަޅައިދިނުމަށް ނިންމާފައިވާކަން ރައީސް ސޯލިހު ވަނީ މިއަދު އިއުލާންކުރައްވާފައެވެ. މި ކަންތައްތަކުގެ އިތުރަށް ކައުންސިލުން ހުށަހަޅާ އެހެން ކަންކަމާއިމެދުވެސް މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ރާއްޖޭގެ އުތުރުގެ ހުރިހާ ރަށަކަށް ރައީސް ވަޑައިގަންނަވާނެއެވ. ރ. އަތޮޅުގައި ބާކީ އިން 3 ރަށަށް ދެވުނީމާ ހުރިހާ ރަށަކަށް ދެވުނީކަމަށް ރައީސް ވަނީ ރަސްގަތީމުގައި އިއުލާންކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *