ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށް ވިދާޅުވެ އޮސްޓްރޭލިއާގެ ކުރީގެ ފޮރިން މިނިސްޓަރު އެލެކްސެންޑާ ޑައުނާ މި ސަރުކާރަށް ތައުރީފު ކުރައްވައިފިއެވެ.
މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި އެލެކްސެންޑާ ޑައުނާ ވިދާޅުވެފައިވަނީ، ރައީސް ސޯލިހުގެ މި ސަރުކާރުގައި ރާއްޖެއަށް އިގްތިސާދީ އަދި އިޖުތިމާއީ ހެޔޮ ބަދަލުތަކެއް ގެނެސް ގައުމު "ސްޓޭބަލައިޒް" ކޮށްފައިވާ ކަމަށެވެ. އެގޮތުން، ރައީސް އަކީ ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް ވެރިކަން ކުރައްވާ ބޭފުޅެއް ކަމަށާއި، ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަކުރަން ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރެވޭ ކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުގައި ޑައުނާ ސިފަ ކުރެއްވީ ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމުވެ.
މީގެއިތުރުންވެސް، ޑައުނާ ވަނީ ރާއްޖެއަށް އިގްތިސާދީ ގޮތުންނާއި، އާންމު ފަރުދުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވާފައެވެ. ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް 10 ޕަސެންޓް ސާވިސް ޗާޖު ދޭން ނިންމުމާއި، މިނިމަމް ވޭޖު ގާއިމް ކުރުމަކީ އިގްތިސާދީ ހަމަހަމަކަން ހޯދުމަށް ރައީސް ސޯލިހުގެ ސަރުކާރުން އެޅި މުހިންމު ފިޔަވަޅުތަކެއް ކަމުގައި ޑައުނާ ވިދާޅުވިއެވެ.
The Maldives Under Ibrahim Mohamed Solih @ibusolih has stabilised and made substantial economic and soclal advances. As a former Australian Foreign Minister, I admire what he has achieved.
— Alexander Downer (@AlexanderDowner) September 6, 2023
މި ސަރުކާރުން ޓީޗަރުންގެ މުސާރަ 56 އިންސައްތަ ބޮޑުކޮށްފައިވާކަންވެސް ޑައުނާ ފާހަގަކުރެއްވިއެވެ. އަދި، ރާއްޖޭގައި ތިބެގެން ޑިގްރީއާއި ހަމައަށް ހިލޭ ކިޔެވޭނެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށާއި އެއީ އިގްތިސާދީ ފުރުސަތުތައް އިތުރުކުރުމަށް ފަހިވެގެންދާނެ ކަމެއްގެ ގޮތުގައި ޑައުނާ ވަނީ ސިފަކުރައްވާފައެވެ.
އަދި، ދިވެހިރާއްޖެއަކީ ކުޑަ ގައުމަކަށްވެފައި 21 ގަރުނުގެ މައްސަލަތައް ހައްލުކޮށް، ހަމަހަމަ ފުރުސަތުތައް ރައްޔިތުންނަށް ހޯދައިދިނުމަށް މި ސަރުކާރުން ކުރާ މަސައްކަތަށްވެސްް ޑައުނާ ވަނީ ތައުރީފް ކުރައްވާފައެވެ. އެގޮތުން، 6 މަހުގެ މެޓާރނިޓީ ލީވްއާއި އެއް މަހުގެ ޕެޓާރނިޓީ ލީވް ދޭ މަދު މުސްލިމް ގައުމްތަކުގެ ތެރެއިން އެއް ގައުމަށް ރާއްޖެވެފައިވާކަމަށްވެސް ޑައުނާ ވަނީ ވިދާޅުވެފައެވެ.
އެލެކްސެންޑާ ޑައުނާ އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރުކަން އަދާކުރެއްވީ 1996 އިން ފެށިގެން 2007 ވަނަ އަހަރާ ހަމައަށެވެ. އޭގެ ކުރިން 1994 އިން ފެށިގެން 1995 ވަނަ އަހަރާ ހަމައަށް އެމަނިކުފާނު އެގައުމުގެ ލިބަރަލް ޕާޓީގެ ލީޑަރުކަން ވެސް ކުރެއްވި އެވެ.