’އުފާވެރި އައްޑޫ' މެނިފެސްޓޯ އާއެކު ރައީސްގެ ގިނަ ވައުދުތަކެއް އައްޑޫއަށް!

IMG_1483

އަންނަ ދައުރުގައި އަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ގިނަ ކަންތައްތަކެއް ހިމެނޭ 'އުފާވެރި އައްޑޫ' މެނިފެސްޓޯ މިރޭ ލޯންޗުކޮށްފިއެވެ.

މި މެނިފެސްޓޯ ލޯންޗު ކުރުން އޮތީ އައްޑޫގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައެވެ. އައްޑޫގެ ގިނަ ރައްޔިތުންނާއެކު ބޭއްވި މި ޖަލްސާގައި މެނިފެސްޓޯ ލޯންޗު ކުރުމަށްފަހު އައްޑޫ ރައްޔިތުންނާއި މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އައްޑޫއަކީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

އެގޮތުން، އެމްޑީޕީ އުފެދިގެން އައި އިރު އެންމެ ގިނަ ގުރުބާނީވީ އެއް ބަޔަކީ އައްޑޫކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މުޒާހަރާއަކަށް އަންނަން ގޮވާލީމާ ކަނޑު ހުރަސްކޮށްފައި އަންނަ ޖެހުނު ކަމަށްވިޔަސް، ޖަލަށް ދާން ޖެހުނަސް އައްޑޫ ރައްޔިތުން ތިބީ ތައްޔާރަށް ކަމަށާއި މިއަދު ރާއްޖެއިން މި ފެންނަ ހެޔޮ ބަދަލަކީ އޭރު ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"އޭރު އިންދި ގަހުގެ މޭވާ ދޮންވެ ފައްކާވާ މަންޒަރު މި ފެންނަނީ. 9 ސެޕްޓެމްބަރަކީ އައްޑޫއިން އެ މޭވާ ބިންނާނެ ދުވަސް" ރައީސް ވިދާޅުވިއެވެ. މިހާރުވެސް އައްޑޫގެ 190 ހެކްޓަރުގެ ބިން ހިއްކައި، 124 ކިލޯމީޓަރުގެ ބިން ދަނީ ޒަމާނީ ފެންވަރަށް ހަދަމުންނެވެ. 1984 ވަނަ އަހަރު ގަމު އެއާޕޯޓްގައި ހަރު ކޮށްފައި ހުރި އިކުއިޕްމެންޓް ތައް މިހާރު ބަދަލުކުރެވެމުން އަންނަ އިރު، ހަންކެޑެ މަޝްރޫއުވެސް ދަނީ ކުރިއަށެވެ. ރައީސް ވިދާޅުވީ، އައްޑޫ ތަރައްގީ ކުރަމުން ދަނީ ރާއްޖޭގެ އެއް ހަބުގެ ގޮތުގައި ކަމަށެވެ.

އަންނަ ދައުރުގައި އައްޑޫއަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އައްޑޫ ސިޓީ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހައުސިންގ ޔުނިޓުތައްވެސް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން، ފުރަތަމަ ބުރުގައި 1،000 ފްލެޓް އެޅުމަށް ވަނީ ހަަމަޖެހިފައެވެ. ހިއްކި ބިން ތަކުގައި ފެނާއި ނަރުދަމާ ގުޅައި، ކަރަންޓު ހިދުމަތް ފޯރުކޮށްދީ، މަގު ހަދައިދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، އިންޑަސްޓްރިއަލް ޒޯނެއް އައްޑޫގައި ގާއިމްކޮށް، ވެހިކަލް އެތެރެކުރާ ފަރާތްތަކަށް ވަސީލަތްތައް ގާއިމްކޮށް، ވެހިކަލް މަރާމާތު ކުރުމަށް ބޭނުންވާ ޓެކްނިކަލް އަދި ވޮކޭޝަނަލް ތަމްރީން ފޯރުކޮށްދީ، ރީ އެކްސްޕޯޓް ކުރެވޭނެ ފަސޭހަ ގޮތްތަކެއްވެސް ހަމަޖައްސައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އެސްޓީއޯ އަދި މޯލްޑިވް ގޭސް އިން ވިއްކާ މުދާ، މާލެއާއި އެއް އަގެއްގައި ލިބޭނެ ގޮތް ހަދައިދިނުމަށްވެސް ނިންމާފައިވާއިރު، އެކަމާއި ގުޅޭ ބައެއް މައުލޫމާތު އެސްޓީއޯއިން މާދަމާ އިއުލާން ކުރާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އައްޑޫ ޒަމާނީ ވިޔަފާރީގެ ހަބަކަށް ހެދުމަށްވެސް މި ސަރުކާރުން ވަނީ ނިންމާފައެވެ. އެކަމަށް ބޭނުންވާ ބިޒްނަސް އިންކިއުބޭޝަން ސެންޓަރަކާއި، ކޯ ވޯކިންގ ސްޕޭސް އަދި ކޮންފަރެންސް ފެސިލިޓީ ގާއިމްކޮށްދެއްވާނެ ކަމަށް މިރޭ ވަނީ އިއުލާން ކޮށްފައެވެ. ރައީސް ވިދާޅުވީ، އައްޑޫ ތަރައްގީ ކުރަން ބޭނުންވަނީ ޓޫރިޒަމް ކުރިއެރުވޭނެ ގޮތަކަށް ކަމަށާއި، އެކަމަށް މަގުފަހި ކުރުމަށް ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުގައި އިކޯ ޓޫރިޒަމް ތައާރަފްކުރައްވާނެ ކަމަށެވެ.

ގިނަ ކުޅިވަރު ފެސިލިޓީސްވެސް އަންނަ ދައުރުގައި އައްޑޫގައި ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ރޭސިންގ ޓްރެކަކާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއަކާއި އެކު އިތުރު ކުޅިވަރު ފެސިލިޓީސް ގާއިމްކުރެވޭނެއެވެ. އަދި، ސިއްހީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމަށް އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ވަސީލަތްތައް އިތުރުކޮށް، އެ ސަރަހައްދުގެ ހުރިހާ ރަށަކުން ހިދުމަތް ދެވޭނެ ފެންވަރަށް މަތިކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. ކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ޑިސްއެބިލިޓީ މެނޭޖްމެންޓް އަދި ރިހެބިލިޓޭޝަން ސެންޓަރެއްވެސް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސައިންޓިފިކް ކުރިއެރުވުމާއި ތިމާވެށީގެ ވިސްނުމަށް އެހީތެރިވެދީ ކްލައިމެޓް ރިސާރޗް އަދި މެރިން ސްޓަޑީޒް އަށް ހާއްސަ މަރުކަޒެއްވެސް ގާއިމްކޮށް، އައްޑޫ ސިޓީ ހުރިހާ ދާއިރާއެއްގައި ކުޑަ ކުދިންގެ ޕާކު އަދި އައުޓްޑޯ ޖިމް ގާއިމްކޮށް، ދަނާލެއް ހަދައި މަތީ ތައުލީމު ފުރުސަތު އިތުރުކޮށްދިނުމަށްވެސް ނިންމައި ވަނީ އެކަން އިއުލާންކޮށްފައެވެ. އަދި، ސިނާއީ މަސައްކަތްތަކަށް ފަސޭހަ ކުރުމަށް އެގްރޯ ނޭޝަނަލް ހިދުމަތް ފުޅާކުރާނަން. މިފްކޯ ކެޕޭސިޓީ އިތުރުކޮށް މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައިދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

މީގެއިތުރުން އައްޑޫގެ ވަކިވަކި ރަށްތަކަށްވެސް ރައީސް ވަނީ ގިނަ ވައުދުތަކެއް ވެފައެވެ. އެގޮތުން،

މަރަދޫ: ވޮލީ ކޯޓާކާއި ބެޑްމިންޓަން ކޯޓެއް އަދި އައިސް ޕްލާންޓެއް

މަރަދޫ ފޭދޫ: ބޮޑު ފުޓްބޯޅަ ދަނޑެއް

ފޭދޫ: ދުވާ ސިންތެޓިކް ޓްރެކަކާއި، ހޭންޑްބޯލް ކޯޓަކާއ، ިސްކޭޓް ޕާކަކާއި، ކުރީގެ ފުޓްބޯޅަ ދަނޑުގައި ސިޓީ ހޮޓަލެއް

ހުޅުމީދޫ: ވަށައިގެންވާ އަސްދިއްވާ މަގު ހަދައި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެއްގެ އިތުރުން ސްކޫލަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުން

ހުޅުދޫ: އައު އިޖްތިމާއީ މަރުކަޒަކާއި މޫދަށް އެރޭނެ ސަރަހައްދު މިހާރަށްވުރެ ތަރައްގީކުރުން

މީދޫ: ދުވާ ޓްރެކެއް

މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ އައްޑޫއަށް ވިޝަނެއް އެބައޮތް ކަމަށާއި އެއީ، . އާއިލާއާއި ދަރިންގެ ސިއްހަތާއި، ތައުލީމާއި އާމްދަނީއާ މެދު ޒަމާންވީ ހުރިހާ ސުވާލެއްގެ ޖަވާބު އައްޑޫ ބިމުން ލިބޭނެ ގޮތް ހަދައިދިނުން ކަމަށެވެ. ދިގުލައިގެންދިޔަ އެ ހުވަފެން ހަގީގަތަކަށް ހެއްދެވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *