ރިޔާސީ އިންތިހާބު ކެމްޕޭން ތެރޭގައި ރައީސް ސޯލިހު ރަށްރަށަށްގޮސް ރައްޔިތުންނާއިއެކު ސެލްފީ ނެގުނު އަދަދަަށްވެސް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓް ޑރ. މުއިއްޒުއަށް ވޯޓު ނުލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބު ކެމްޕޭން ނިންމާލުމުގެ ގޮތުން މިއަދު އުސްފަސްގަނޑުގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ވާދަވެރިން އިއްޔެ ކެމްޕޭން ދޫކޮށްލައިފި ކަމަށެވެ. ހުއްޓުމެއްނެތި ކެމްޕޭނުގައި އުޅެނީ އެމްޑީޕީއިން ކަމަށާއި މިއަދުވެސް ކ. އަދި ފ. އަތޮޅުގެ 5 ރަށަށް ދެވިއްޖެކަމަށެވެ.
ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ދެމެދު ހުރިހާ ރަށަކަށްހެން ދެވިއްޖެ ކަމަށާއި ފެންނަނީ އެއްބުރުން ކާމިޔާބު ކުރާ މަންޒަރު ކަމަށެވެ. އެގޮތުން، ކެމްޕޭނު ތެރޭގައި ރައީސް ސޯލިހުއަށް ރައްޔިތުންނާއިއެކު ސެލްފީ ނެގުނު އަދަދަށްވެސް ވޯޓު ނުލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ވޭތުވެދިޔަ ފަސް އަހަރަކީ ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށް އެންމެ ބުރަ މަސައްކަތް ކުރެވުނު ފަސް އަހަރުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިނިވަންކަމަކީ ވަށާ ފާރެއް ލައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. "ބަޑިއާއި ފިސްތޯލާއި ކަރުނަ ގޭސް ބޭނުންކޮށްގެން ކުރެވޭނެ ކަމެއް ނޫން. ރާއްޖޭގެ މިނިވަންކަން ދެމެހެއްޓޭނީ އެހެން ގައުމުތަކާއި ބަދަހި ގުޅުމެއް ބާއްވައިގެން" ރައީސް ވިދާޅުވިއެވެ.
މާދަމާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނެއެވެ. އިންތިހާބު އެއްބުރުން ނަގާނެ ކަމަށް ރައީސް ސޯލިހު އަންނަނީ ބުނަމުންނެވެ.