ހެދުނު ގޯސްތައް ރަނގަޅުކޮށް، ދެވަނަ ބުރުގެ ކެމްޕޭނަށް ބަދަލުތަކެއް ގެންނާނަން: ރައީސް

IMG_9246 (2)

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހެދިފައިވާ ގޯސްތައް ދެނެގަނެވިފައިވާ ކަމަށާއި، އެކަންކަން ދެވަނަ ބުރުގައި ރަނގަޅުކޮށް ކެމްޕޭނަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"އަދަދު" ނޫހަށް ދިން އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ، އަލުން ކެމްޕޭނު ފެށުމަށް މަޝްވަރާކޮށް ގޮތްތަކެއް ނިންމިފައިވާ ކަމަށާއި، ހެދިފައި ހުރި ގޯސްތަކާއި ރަނގަޅު ކުރަން ޖެހޭ ކަންކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

"ފުރަތަމަ ބުރުގައި ހުރި އިޝޫތައް ބަލާފައި އެ ހައްލު ކުރަން ޖެހޭ މަސައްކަތްތައް މިކުރީ. މެންދުރުފަހު އިތުރު ބައްދަލުވުންތައް ކުރިއަށްގޮސް އެއަށްފަހު ފުލްކޮށް އަޅުގަނޑުމެން ކުރިއަށްގެންދާނަން" އަދަދު ނޫހަށް ދިން އިންޓަވިއުއެއްގައި ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އޯގަނައިޒިންގައި މައްސަލަތައް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަންތައް ހައްލުކުރަން ވާހަކަތައް ދެކެވިފައިވާ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި ދާއިރާތައް ބެހުމުގައި މާ ބޮޑުކޮށް މީހުންނާ ހަވާލުކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވިއިރު، ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުއިއްޒުއަށް ލިބިވަޑައިގެންނެވީ 46 އިންސައްތަ ވޯޓެވެ.

Leave a Reply

Your email address will not be published. Required fields are marked *