ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓަރ ޓާރންއައުޓް އިތުރުކުރެވުނީމާ އެންމެ ބޮޑު އެޑްވާންޓޭޖެއް އޮތީ އެމްޑީޕީއަށް ކަމަށް އެ ޕާޓީގެ ޗެއާޕާަސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު ބައެއް ނޫސްތަކާއި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ވޯޓުނުލާ ތިބި ގިނަ މީހުންނަކީ އެމްޑީޕީ ސަޕޯޓަރުން ކަމަށެވެ. އެގޮތުން، މިއަދުގެ ބައްދަލުވުމުގައި ވާހަކަދެކެވުނީ ކުރިއަށް ގެންދާއިރު ރާވާލާނެ ގޮތަކާއި ގުޅޭ ގޮތުންނެވެ.
އެޑްމިނިސްޓްރޭޓިވްލީ ރަނގަޅު ކޮށްލަންޖެހޭ ބައެއް ކަންތައްތައް އެބަހުރި ކަމަށާއި އެކަންކަމާއި ގުޅިގެން މަޝްވަރާތަށް ކުރެވުނު ކަމަށް ފައްޔާޒް ވިދާޅުވިއެވެ، "ވޯޓު ނުލާ ވަރަށް ގިނަ ބޭފުޅުންނަކީ އަޅުގަނޑުމެންގެ ވޯޓާސް. އެކި އެކި ސަބަބުތަކާހުރެ ވޯޓު ނުލެވިފަ. އެއީ ގަޑި ކުޑަވުމާއި އޭގެ އިތުރުން ޓްރާންސްޕޯޓޭޝަން މައްސަލަތަކާއި، އަދި ވަރަށް ބޮޑަށް މޮޅުވާނެ ކަމަށް ބަލާފަ އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން އެހާ ބޮޑު އެފަޓެއް ނުލާ އެބަހުރި އިނގޭތޯ" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވަނީ ރިޔާސީ އިންތިހާބު ދެވަނަ ބުރަށް ދިޔުމުގެ ކުރިން ގިނަ ޕާޓީތައް އެމްޑީޕީއާއި ގުޅޭނެ ކަމަށެވެ. އަދި އެ ބޭފުޅުންގެ ވޯޓާރ ބޭސްގެ ތާއީދާއި، ވޯޓަރ ޓާރންއައުޓް އިތުރުކުރެވުނީމާ އެންމެ ބޮޑު އެޑްވާންޓޭޖެއް އޮތީ އެމްޑީޕީއަށް ކަމަށެވެ.
ރިޔާސީ އިންތިހާބާއި ގުޅިގެން މިހާރު ހުރިހާ ފަރާތްތަކާއިއެކުވެސް ވާހަކަ ދެކެވެމުން ދާއިރު ކޮންމެ ބަޔަކަށްވެސް ފުރުސަތު ހުޅުވިފައިވާކަންވެސްް ފައްޔާޒް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން، ފައްޔާޒް ގަބޫލުފުޅުކުރައްވަނީ ގައުމުގެ މުސްތަގްބަލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ގުޅޭނެ ކަމަށެވެ. "ޕާސަަނަލް މައްސަލަތަކަކާއިހެދި ގައުމުގެ މުސްތަގްބަލު ނަގާލާނެ ކަމަކަށް" ގަބޫލުފުޅުނުކުރައްވާ ކަމަށާއި ރައީސް ނަޝީދު ގުޅޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމަށްވެސް ފައްޔާޒް ހާމަކުރެއްވިއެވެ،
ރިޔާސީ އިންތިހާބުގައި ވޯޓުލީ 225,398 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ އާބާދީގެ 80 ޕަސެންޓު މީހުންނެވެ. އިންތިހާބުގައި ރައީސްއަށް ލިބުނީ 39 ޕަސެންޓު ވޯޓެވެ. ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ލިބުނީ 45 ޕަސެންޓު ވޯޓުވެ. މީގެ ކުރިން އިންތިހާބު ކާމިޔާބު ކުރަނީ އަބަދުވެސް ދެވަނައަށް ދާ ކެނޑިޑޭޓެވެ.