ދިވެހިރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝިސް ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާއި ގުޅިގެން އިދިކޮޅުން ދޮގު ހަބަރު ފަތުރާތާ އެތައް ދުވަހެއް ފަހުން އެ ސިޓީގެ އަސްލު ސޯޝަލް މީޑިއާގައި ލޯކުވެއްޖެއެވެ.
ސޯޝާލް މީޑިއާގައި ލީކުވެފައިވާ ސިޓީއަކީ އަސްލެއްކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ޔަގީންކޮށްދެއްވާފައެވެ. އަދި، މި ސިޓީ ލީކުވިގޮތްވެސް ބަލަމުން އަންނަ ކަމަށް މިއުވާން ވިދާޅުވިއެވެ. ލީކުވެފައިވާ ސިޓީގައި ކަނޑުން ބައެއް ދޫކޮށްލުމާއި ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރެވުނު ކަމަކަށް ނުވަތަ އެފަދަ ވާހަކައެއްވެސް ނެތެވެ.
އިދިކޮޅުން އެ ސިޓީއާއި ގުޅުވައި ދޮގު ހަބަރުތައް ތަކުރާރުކޮށް ފޮނުވަމުންދިޔަ ނަމަވެސް ސަރުކާރުން ނިންމާފައިއޮތީ ދެ ގައުމެއްގެ ވެރިންގެ ދެމެދުގައި ހިނގާ ވާހަކަތަކަކީ ސިއްރު ވާހަކަތަކެއް ކަމަށްވާތީ ހާމަކުރެވެން ނެތް ކަމަށެވެ. ލީކުވެފައިވާ ސިޓީގައި ވާ ގޮތުން، ރާއްޖޭގެ ސްޓޭންޑް ބަދަލުކުރީ ޗާގޮސްގެ މައްޗަށް މޮރިޝިސްގެ ސިޔާދަތީ ބާރު ހިނގާ ތަނަކަށް ހެދުމަށް އެ ގައުމުން ހުށަހަޅާފައިވާ މައްސަލާގައެވެ. މީގެކުރިޔަކުންވެސް ޗާގޮސްއަކީ ދިވެހިންގެ ތަނެއްކަމަކަށް ދިވެހި ދައުލަތުން ވަކާލާތު ކޮށްފައެއް ނުވެއެވެ. އެތަނަކީ އިނގިރޭސީންގެ ބާރު ހިނގާ ތަނެކެވެ.
ޗާގޯސް އަކީ މޮރިޝަސްގެ ސަރަހައްދެއް ކަަމަށް ކަނޑައަޅަން އދ.ގެ އާއްމު މަޖިލީހުން 2019 ވަނަ އަަހަރު ވަނީ ނިންމާފައެވެ. އޭރު 116 ގައުމަކުން އެކަމާއި އެއްކޮޅަށް ވޯޓު ދިނެވެ. ރާއްޖޭގެ އިތުރުން އިނގިރޭސި ވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، ހަންގޭރީ އަދި އިޒްރޭލުން ވޯޓު ދިނީ އެކަމާއި ދެކޮޅަށެވެ.
ރާއްޖޭން އެފަހަރު ވޯޓު ދިން ގޮތާ މެދު އިދިކޮޅު ޕީޕީއެމުން އޭރު ނުރުހުންފާޅުކުރިއެވެ. އެގޮތުން، ބަޔާންތައް ނެރެ ރާއްޖެއިން އޭރު ނިންމި ނިންމުމަކީ ދުނިޔޭގެ މައި ކޯޓާއި މޮރިޝަސްގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލޭ އަމަލެއް ކަމަށް ބުނެފައިވެއެވެ.
ދައުލަތުގެ ސްޓޭންޑް ބަދަލުކުރުމާއެކު ޕީޕީއެމްއިން އެ ބޭފުޅުންގެ ސްޓޭންޑްވެސް ބަދަލުކޮށް ކަނޑު ވިއްކާލީކަމަށް ތުހުމަތުކުރަން ފެށިއެވެ. އެހެންނަމަވެސް، މިއަދު ލީކުވި ސިޓީގައި ރައީސް ސޯލިހު ސްޓޭންޑް ބަދަލުކުރާ ސަބަބެއް ކަމަށްވަނީ އަބަދުވެސް ދިވެހިރާއްޖެއިން ހިފަހައްޓާ އިސްތިއުމާރީ ބާރުތަކާއި ދެކޮޅު ސިޔާސަތު ދެމެހެއްޓުމަށެވެ.