ސިޔާސީ މަގުސަދު ހާސިލުކުރުމަށް ޓަކައި ދިވެހި ސިފައިންނާއި، ދިވެހި ސިފައިންގެ މުއައްސަސާގެ އަގުވައްޓައިލުމަށާއި އަދި ސިފައިންގެ ކުރިމަގުގެ ތަރައްޤީއަށް އުނިކަން އަންނަ ގޮތަށް ޙަޤީޤަތާ ޚިލާފު ޕްރޮޕެގެންޑާ ފަތުރަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ، ކ. އުތުރު ތިލަފަޅުގައި ތަރައްޤީ ކުރަމުންދާ 'އެކަތަ' ބަނދަރަކީ އިންޑިޔާގެ "މިލިޓަރީ ބޭސް"އެއް ކަމަށް ބުނެ ފަތުރަމުން ގެންދާ ޙަޤީޤަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށާއި، ކ. އުތުރު ތިލަފަޅުގައި އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިހާރު ތަރައްޤީ ކުރަމުންދާ 'އެކަތަ' ބަނދަރަކީ ދިވެހި ސިފައިންގެ ކޯސްޓްގާޑް އުޅަނދުފަހަރު އަޅާފައި ބޭއްވުމަށާއި އަދި އެ އުޅަނދުފަހަރު މަރާމާތުކުރުމަށް ޓަކައި ތަރައްޤީ ކުރަމުންދާ ބަނދަރެއް ކަމަށެވެ.
މިގޮތުން އުތުރު ތިލަފަޅާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އިސްނަގައިގެން އިންޑިޔާ ސަރުކާރާ އެކު އެންމެ ފުރަތަމަ މަޝްވަރާ ކޮށްފައި ވަނީ 2013 ވަނަ އަހަރު އޭރުގެ ދިފާޢީ ވަޒީރު އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ކަމަށާއި، އެ ދަތުރުފުޅުގައި އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫޢެއް ހިންގުމަށް ޓަކައި އެ ސަރުކާރުގެ ތަސައްވުރާއި، ކޮންސެޕްޓް ޑިޒައިން އިންޑިޔާ ސަރުކާރަށް ވަނީ ހުށަހަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން، 2016 ވަނަ އަހަރު ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރާއި ދެމެދު ސޮއިކުރެވުނު، 'އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން ދަ މޯލްޑިވްސް އެންޑް އިންޑިޔާ' ގައިވެސް، އިންޑިޔާ ސަރުކާރާ ގުޅިގެން އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫޢެއް ހިންގަން އެއްބަސްވެފައި ކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
ކުރީގެ ސަރުކާރުން 2013 ވަނަ އަހަރު ހުށަހަޅާފައިވާ ބޮޑު އަސްކަރީ މަޝްރޫޢުގެ ސްކޯޕް ހަނިކޮށް، މި ސަރުކާރުން 2019 ވަނަ އަހަރު ވާނީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑް އުޅަނދުފަހަރު އަޅާފައި ބާއްވާނެ ބަނދަރަކާއި އަދި އެ އުޅަނދުފަހަރު މަރާމާތުކުރާނެ ޑޮކްޔާރޑެއް ތަރައްޤީ ކުރުމަށް ހަމަޖައްސާފައި ކަމަށާއި، އަދި ބައެއް ފަރާތްތަކުން ޤަޞްދުގައި ފަތުރަމުންދާ ދޮގު ޚަބަރުތަކާއި ޚިލާފަށް، 'އެކަތަ' ބަނދަރާއި އެ ބަނދަރުގައިވާ އެންމެހައި ވަޞީލަތްތަކަކީ ދިވެހި ދަޢުލަތުގެ ފުރިހަމަ ބާރު ހިނގާ، ދިވެހިންގެ އަމިއްލަ މިލްކިއްޔާތެއް ކަމަށްވެސް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ބަނދަރުގައި އެހެން އެއްވެސް ޤައުމެއްގެ ސިފައިން ޤާއިމުވެ ނުތިބޭނެ ކަން މި ފުރުޞަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ކަށަވަރު ކޮށްދޭކަން ފާހަގަކޮށް ޑިފެންސް މިނިސްޓްރީން ބުނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމަކަށް މި ސަރުކާރުން ޖާގަނުދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި އެންމެހައި ރައްޔިތުންނަށް ތަކުރާރުކޮށް އަރުވާ ކަމަށެވެ.
"ޤައުމަށް ދިމާވެދާނެ ބޮޑެތި ކަންކަމުގައި ދިވެހި އަސްކަރިއްޔާ ތަރުތީބުކޮށް އެންމެހާ ރޭންކްތަކުގެ ސިފައިންނަށް އިރުޝާދުދެއްވާ، މަގުދައްކަވަން ތިއްބެވި ސިފައިންގެ ލީޑަރޝިޕްގެ އިތުބާރު ގެއްލުވާލުމަށާއި، އަދި ސިފައިންގެ ބަދަހި ސަފުތައް ގުޑުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓައިލުމަށް އިލްތިމާސް ކުރަން،" މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވެ.
މީގެއިތުރުން ޑިފެންސް މިނިސްޓްރީން ބުނީ، ދިވެހި ސިފައިންގެ މުއައްސަސާއަކީ ގައުމުގެ އަމަންއަމާންކަމާއި ސިޔާދަތު ދިފާޢުކުރުމުގެ އެންމެ ފަހު އައްޑަނަކަމަށްވީ ހިނދު، މި ފަދަ ސިޔާސީ ގޮތުން ހައްސާސް ދަނޑިވަޅެއްގައި، ދިވެހި ސިފައިންގެ ތަރައްޤީއަށް ހިންގޭ މުހިންމު ކަންކަމަށް ހުރަސްއަޅައި ނަފުރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އެދި މި ފުރުޞަތުގައި އިލްތިމާސް ކުރާ ކަމަށާއި، އަދި މި ފަދަ ދަނޑިވަޅެއްގައި، ދިވެހި ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ އަގުވައްޓާލުމަށާއި އަދި އެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވެއްދުމަށް ސިޔާސީ ޕްރޮޕެގެންޑާ ފަތުރަމުން ދިއުމަކީ މި މިނިސްޓްރީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.