ރިިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފ.މަގޫދޫ އިން ހޯދާފައިވާ ސާފު މެޖޯރިޓީ ގެއްލުވާލުމަށް ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މުބީން އިސްވެ ހުރެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ރަށު މީހުން ބުނެފިއެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް މަގޫދޫ އިން "ތޭވީސް" އަށް މައުލޫމާތު ދިން މީހަކު ބުނީ، މުބީން އިސްވެ ހުރެ ބަޔަކު ގޮވައިގެން މަގޫދޫއަށް އަރާފައިވާ ކަމަށާއި، އެމީހުން ރަށަށް އަރާފައިވަނީ ގިނަ ފައިސާތަކާއި މަސްތުވާތަކެތި ހިފައިގެން ކަމަށެވެ.
މިގޮތުން ރަށަށް އަރާފައިވާ މީހުންގެ ތެރޭގައި މާލޭގެ ގޭންގަކަށް ނިސްބަތްވާ މީހުންވެސް ހިމެނޭ ކަމަށާއި، އެމީހުން ރަށު ތެރޭގަައި މީހުންނަށް ބިރު ދައްކައި، އަދި ޒުވާނުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅުން ދާ ކަމަށްވެސް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ. އަދި މިކަމުގައި އިސްކޮށް މުބީން ހަރަކާތްތެރި ވަނީ އޭނާއަށް މުއިއްޒު ވެރިކަމަށް ހޮވިއްޖެނަމަ ސަރުކާރުގެ ބޮޑު މަގާމެއް ދޭނެ ކަމުގެ ޔަގީންކަން ދީފައިވާތީ ކަމަށެވެ.
"މެމްބަރު މުބީން މިދިޔަ ހަފްތާގައި ރަށަށް އައީ ގޭންގަކަށް ނިސްބަތްވާ 40 މީހުން ހިމެނޭ ގޮތަށް ގްރޫޕެއް ގޮވައިގެން. ރަށަށް އެރި ގްރޫޕުން އަންނަނީ ޒުވާނުންނަށް މަސްތުވާތަކެތީ ވޯޓު ދިނުމަށް ޝަރުތު ކުރަމުން އަދި ވޯޓު ނުދީފިނަމަ އޭގެ ބަދަލު އަންނާނެ ކަމަށް ބުނެ ބައެއް ފަރާތްތަކަށް ވަނީ ބިރުވެސް ދައްކާފައި. މުބީން ރަށުން ހޮނިހިރު ދުވަހު ފުރައިގެންދިޔަ ގްރޫޕް ރަށުގައި ބަހައްޓާފައި. މައުލޫމާތު ލިބޭގޮތުގައި އެމްޑީޕީއަށް މަގޫދޫއިން މެޖޯރިޓީ ގެއްލިއްޖެނަމަ މުބީންއަށް މުއިއްޒުގެ ވެރިކަމެއްގައި ވަޒީފާ ލިބޭނެ" މަގޫދޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މީގެއިތުރުން އެމްޑީޕީއަށް މެޖޯރިޓީ ގެއްލުވާލުމަށް އިދިކޮޅުން ވަނީ މަގޫދޫއަށް އެ ރަށުގައި ނުހިމެނޭ ގިނަ ފަރާތްތަކެއް ރަޖިސްޓްރީ ކޮށްފައި ކަމަށްވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ވަނީ ބުނެފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މަގޫދޫއިން ވޯޓުލުމުގެ ހައްގު ލިބިފައިވާ 91 އިންސައްތަ މީހުން ވޯޓުލާފައިވާއިރު، 237 ވޯޓާއެކު %57.1 ލިބިފައިވަނީ ރައީސް ސޯލިހުއަށެވެ. އަދި އިދިކޮޅު ކެންޑިޑޭޓް މުއިއްޒުއަށް ލިބިފައިވަނީ 155 ވޯޓާއެކު %37.3 އެވެ.