ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ހިފައި، އެ ފައިސާގެ އަސްލު އޮޅުވާލަން، މަނީލޯންޑަކޮށްފައިވާކަން ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނުސީދާ ބަހުގެ ހަމަލާތައް އިންތިހާބީ ސަރުކާރަށް އަމާޒުކޮށްފިއެވެ.
ރޭ ހ. ދޫވެހި ކައިރިއަށް އެއްވެފައި ތިބި ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، އެ މަނިކުފާނު މިނިވަންކުރަން އެންމެ ބޮޑަށް މަސައްކަތް ކުރީ އާދައިގެ ރައްޔިތުން ކަމަށާއި، މިހާރު އޮތް ސަރުކާރު ބަދަލުކޮށް، ޕީޕީއެމް/ޕީއެންސީ އަށް ވެރިކަން ލިބުނީ އެ މަނިކުފާނާއި މެމްބަރުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.
"ބޮޑެތި ގޮނޑިތަކުގައި ތިބޭ މީހުންނަށް އެ ފަސޭހަތައް ލިބިގެން އެ ދިޔައީ އަޅުގަނޑާއި ތި ރައްޔިތުން ކުރި މަސައްކަތުން. އެހެންވީމާ އިންސާނީ ތޮބިއްޔަތަކަށް މި ވަނީ މަގާމުތަކަށް އާދެވުނީމާ އެ ކަންކަން ހަނދާން ނެތުން" އިންތިހާބީ ސަރުކާރަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ޔާމީން މިނިވަން ކުރުމަށް މަގު މައްޗަށް ނުކުމެ އެކި ކަހަލަ ޖަލްސާތައް ބާއްވައި އަޑުގަދަކޮށް، ހިނގާލުން ބާއްވައި ނުހެދުމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާއިރު، ރައީސް ޔާމީން ވަނީ އެމަނިކުފާނު މިނިވަން ކުރުމަށް ހިންގާ ހަރަކާތްތައް ވަރުގަދަ ކުރުމަށް ރޭ އެދިވަޑައިގެންފައެވެ.