އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ނަންފުޅު ބޭނުން ކުރައްވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިތުރުފުޅު ހައްދަވާފައިވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް އިންތިހާބީ ރައީސްގެ އިންތިގާލީ ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
އިންތިގާލީ ތަރުޖަމާން ފިރުޒުލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ރައީސް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ޑރ.މުއިއްޒުއާ ހަވާލާދެއްވައި ރާއްޖޭގައި އިންޑިއާގެ 75 ސިފައިންގެ މީހުން ބައިތިއްބާނެ ކަމަށް ދޭހަވާގޮތަށް ވާހަކަދައްކާފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށާއި، އަދި ރާއްޖޭގައި ބޭރުގެ ސިފައިންގެ އެއްވެސް މީހަކު ބެހެއްޓުމަށް އިންތިހާބީ ރައީސް ރުހިވަޑައިނުގަންނަވާނެ ކަމަށެވެ.

މީގެއިތުރުން އިންތިހާބީ ރައީސް ޑރ.މުއިއްޒުގެ ނަންފުޅު ބޭނުން ކުރައްވައިގެން ރައީސް ނަޝީދު އެފަދަ ކަންތައް ނުކުރެއްވުމަށް ފިރުޒުލް ވަނީ އިލްތިމާސ ްކުރައްވާފައެވެ.