އދ.ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި އިއްޔެފަތިހު މަހަށް ނިކުތް އދ. ދަނގެތި ޔޫސުފް އިބްރާހިމް ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ހުއްޓުމެއްނެތި ކުރަމުން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެމްއެންޑީއެފް އިން ބުނީ، އުމުރުން 68 އަހަރުގެ ޔޫސުފް ހޯދުމުގައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު އދ.ދަނގެތީގެ ޑައިވަރުންނާއި ކައިރި ރިސޯޓްތަކުގެ ޑައިވަރުން ހަރަކާތްތެރިވަމުން ދާއިރު ކަނޑުމަގުން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ހަކުރާ" އާއެކު ފުލުހުންނާއި ކައިރި ރިސޯޓްތަކާއި ދަނގެތީގެ ބައެއް އުޅަނދުތައް ދަނީ ހަރަކާތްތެރިވަމުން ކަމަށާއި، އަދި އޭނާ ހޯދުމަށް ޑޯނިއަރ އެއަރކްރާފްޓްވެސް ދަނީ މިއަދު ވައިގެ މަގުން މަސައްކަތް ކުރަމުންނެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ 11:42 ހާއިރު ކަމަށާއި، މަޢުލޫމާތު ލިބުނު ގޮތުގައި ޔޫސުފް އިއްޔެ ފަތިހު ކުޑަ އިންޖީނު ދޯންޏެއްގައި މަސްވެރިކަމަށް ނިކުތީ އދ.އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި މަހަށް ދިޔަ ދޯނި އދ.ރަންދެލި އުތުރު ކަނޑުއޮޅިން ދަނިކޮށް އިއްޔެގެ 09:00 އާއި 09:30 އާ ދެމުދު ވަގުތެއްގައި އެ ދޯނި ބަޔަކަށް ވަނީ ފެނިފައިވާ ކަމަށާއި، މި ދޯނިން މަހަށް ދިޔަ ފިރިހެން މީހާ ގެއްލުނުއިރު ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައި ކަމަށްވެސް އެމްްއެންޑީއެފްއިން ބުނެއެވެ.
މި މީހާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ ގެއްލުނު ސަރަހައްދުން ދަތުރުކުރައްވާ އުޅަނދު ފަހަރުންނާއި، މި ހިސާބުގެ ރަށްތަކުން ބައްލަވައިދެއްވުން އެމްއެންޑީއެފްއިން އެދެއެވެ. އަދި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށްވެސް އެ މުއައްސަސާއިން އެދެއެވެ.