އިސްލާމް ދީނަކީ މުހައްމަދު މާތް ނަބިއްޔާ މެދުވެރިކުރައްވައި މާތް ﷲ އިންސާނީ މުޅި އުއްމަތަށް، އަރަބިންނާއި އަޖަމީންނަށް ބާވައިލެއްވި ދީނެކެވެ. އިސްލާމްދީން އައުމަށްފަހު އެހެން ހުރިހާ ދީނެއް ވަނީ މަންސޫހް ކުރެވިފައެވެ. މިއީ އެ ދުވަސްވަރުގެ ބޮޑެތި ބާރުތައްވެސް އަޖައިބު ކުރުވާފަދަ ހަލުވި މިނެއްގައި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެންދިޔަ ދީނެކެވެ.
ދެކުނު އޭޝިއާގައި އިސްލާމް ދީން ފެތުރިގެންދިޔުން
މީލާދީން 8 ވަނަ ނުވަތަ 9 ވަނަ ގަރުނުން ފެށިގެން އަރަބި ދަރުމަވެރިންނާއި، ފާރިސީ ދަތުރުވެރިން ކަނޑު ދަތުރުކުރުމުގެ ހުނަރުތައް ދަސްކޮށް، އެ ހުނަރުތަކުގެ ބޭނުން ހިފައި ކަނޑުގެ އޮޔާއި ވައިގެ ބޭނުން ހިފައިގެން އެކި މޫސުމުގައި އެބައިމީހުން ދަތުރުފަތުރުކޮށް ދުރު ހިސާބުތަކުގައި ވިޔަފާރިވެސް ކޮށް އުޅުނެވެ. މިގޮތުން މީލާދީން 16 ވަނަ ގަރުނުގައި އޭޝިއާ އާއި ދުރު އިރުމައްޗަށް ދަތުރުކުރަން ފަށަންދެން، ކަނޑުމަތީގައި އެންމެ ގަދަ ބާރަކަށް ވެފައި ވަނީ އަރަބިންނާއި ފާރިސީން ކަމަށްވާއިރު، އަރަބީން ވިޔަފާރި ކުރަމުންދިޔަ ތަންތަނުގައި އެ މީހުންގެ ވިޔަފާރިވެރިން ވަޒަންވެރިވެ، އެމީހުން ދިރިއުޅެން ފެށި ގައުމުތަކަށް، އެބައިމީހުންގެ ދީން ކަމަށްވާ އިސްލާމްދީން މަޑު މަޑުން ތައާރަފްވަމުންދިޔައެވެ.
ވިޔަފާރި ކުރުމަށް ގޮސް އަރަބިން ވަޒަންވެރިވި ތަންތަނުގެ ތެރޭގައި ދެކުނު އިންޑިއާގެ ކަނޑުގެ އައްސޭރީގައިވާ ސަރަހައްދުތަކާއި ސްރީލަންކާގެ ސަރަހައްދުތައްވެސް ހިމެނެއެވެ. އަރަބިން ވަޒަންވެރިވި ތަންތަނުގެ މީހުންނާ އެ މީހުން ކައިވެނީގެ ގޮތުން ގުޅި، އާ ޖަމާއަތްތައް އުފައްދާ، އިންޑިއާ ކަނޑުގެ ވިޔަފާރީގެ ވެރިކަން ކުރަމުން ދިޔައީ އަރަބިންނެވެ.
ދެކުނު އޭޝިއާގެ ގައުމުތަކަށް އިސްލާމް ދީން ފެތުރިގެންދިޔައީ އެ ދީނުގައި ހުރި ރަނގަޅު ސިފަތައް އެ ތަންތާނގެ މީހުންނަށް ގަބޫލުކުރެވިގެން، މިގޮތުން ގިނަ ގައުމުތަކުގައި ސުލްހަވެރިކަމާއެކުގައެވެ. ނަމަވެސް ބައެއް ފަހަރު މުސްލިމުންނަށް ނަސްރު ލިބިފައި ވަނީ ހަނގުރާމަ ކޮށްގެންނެވެ.
ދިވެހި ރާއްޖެއަށް އިސްލާމް ދީން އައުން
ބޭރުގެ ލިޔުންތަކުން އެނގޭގޮތުގައި ރާއްޖެ އިސްލާމްވި ދުވަސްވަރުވެސް އިންޑިއާ ކަނޑުގައި އަރަބީންގެ ވިޔަފާރީގެ ދަތުރުތައް އޮތީ ކުރީންވެސް ފާހަގަކުރި ފަދައިން ފެށިފައެވެ. މިގޮތުން ހިޖުރައިން 6 ވަނަ ގަރުނުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިސްލާމްދީން ފެތުރުއްވުމަށް މަސައްކަތް ކުރެއްވި ބޭކަލުންތަކެއްގެ ތެރޭގައި މަސައްކަތްޕުޅުން އިސްލާމްދީނަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ވަނީ ނަސްރު ލިބިފައެވެ. އަދި އިސްލާމްދީން ފެތުރުއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅުން ދަތުރު ކުރައްވައި އުޅުއްވީ ވިޔަފާރި ދަތުރުތައް ކުރި ނައު ފަހަރުގައެވެ.
މިފަދައިން ދަތުރުތައް ކުރެއްވި އިސްލާމުން ނޫން އެހެން ދީންތަކުގެ މީހުން އުޅޭ ރަށްރަށަށް ވަޑައިގެންނެވިއްޖެނަމަ، އެ ބޭފުޅުން އެ ރަށެއްގެ މީހުން އިސްލާމް ކުރައްވައެވެ. އަދި ރަށެއްގައި އެއިން ބޭފުޅަކު ހުންނަވަނިކޮށް، ކައިރި ރަށެއްގައި ނުވަތަ ގަުމެއްގައި ނަމަވެސް ކާފަރު ހާލުގައި ތިބިކަމަށް ހަބަރު ލިބިވަޑައިގެންފިނަމަ، އެ ތަނަކަށް ވަޑައިގެން އެ މީހުން އިސްލާމް ކުރެެއްވުމުގެ މަސައްކަތްޕުޅު ކުރެއްވިއެވެ.
ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގައި މި މަތިވެރި މަސައްކަތްޕުޅު އެ ބޭފުޅުން ކުރައްވަމުން ގެންދެވިއިރު، އޭރު ބުޑިސްޓް ދީނުގައި އޮތް ރާއްޖޭގެ ހަބަރުތައް އައްސަފާވައިވުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ.
ރާއްޖެ ރަސްމީކޮށް އިސްލާމް ދީނަށް ބަދަލުވީ މީލާދީން 1153 ވަނަ އަހަރު އަދި ހިޖުރީ ގޮތުންނަމަ، 548 ވަނަ އަހަރުގެ ރަބީއުލް އާހިރު މަހުގެ ތެރޭގައެވެ. ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށް ހަމަޖެހުނީ އޭރު ތަހުތުގައި އިންނެވި، ސިރީ ތުރިބުވަނަ އާދިއްތިޔަ މަހާރަދުން އިސްލާމް ދީން ގަބޫލުފުޅު ކުރެއްވުމުންނެވެ. އެއަށްފަހު ނަންފުޅުނު އައްސުލްތާން މުހައްމަދު އިބްނު އަބްދުﷲ އަށް ބަދަލު ކުރެއްވިއެވެ. އަދި ރަދުން އިސްލާމްވެ ވަޑައިގަތުމަށްފަހު މުޅި ރާއްޖޭގައި ފަތްތޫރަ ހިންގަވައި ރާއްޖޭގެ އެންމެން، ކުރީގެ ދީން ދޫކޮށްލައި މާތްވެގެންވާ އިސްލާމް ދީނަށް އެނބުރުމަށް އެންގެވިއެވެ.
ދިވެހި ތާރީހް އެނގޭ ގޮތުގައި ރަދުން އިސްލާމްވެވަޑައިގަތުމަށްފަހު، ރާއްޖޭގެ އެންމެހައި ކަންތައްތައް ހިންގަވަމުން ގެންދެވީ އިސްލާމް ދީނުގައި ކަންތައްތައް ކުރަން ކަނޑައަޅުއްވާފައިވާ ގޮތަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް މީހުން ފޮނުއްވައިގެން ރައްޔިތުން އިސްލާމް ކުރައްވައި، ދީނީ އިލްމު ފަތުރައްވާފައިވެއެވެ. އަދި މާލޭގައި އެންމެ ފުރަތަމަ ހުކުރު މިސްކިތެއް ބިނާކުރައްވައި، ދަރުމަވަންތަ މިސްކިތް މިހާރު ހުރި ތަނުގައި މިސްކިތެއްވެސް ރަދުން ބިނާކުރެއްވިއެވެ. އަދި ދީންވެރި ރަސްކަލެއްގެ ގޮތުގައި ފާހަގަކުރެވުނު ރަދުން ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވިއެވެ.
ލޯމާފާނުތަކުން އެނގޭ ގޮތުގައި ރާއްޖެ އިސްލާމްވީ އެއް ހިނދެއްގައި ނޫނެވެ. މިގޮތުން އެ ޒަމާނުގައި ދަތުރުފަތުރުގެ ދަތިކަމާއި ރާއްޖޭގެ އަތޮޅުތަކާއި ޖަޒީރާތައް އުފެދިފައި ވަނީ ދުރު ދުރުގައިވާ ވަކި ވަކި ރަށްތަކެއް ގޮތުގައިކަމުން، މާ އަވަސް މުއްދަތެއްގެ ތެރޭގައި ރަދުންގެ އަމުރުފުޅު ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގޭ ގޮތް ތަނަވަސް ނުވާނެކަން ގަބޫލުކުރެވެއެވެ.
މީލާދީ 1194 ވަނަ އަހަރު ލިޔެފައިވާ އިސްދޫ ލޯމާފާނުގެ އިތުރުން މީލާދީ 1195 ވަނަ އަހަރު ލިޔެފައިވާ ދަނބިދޫ ލޯމާފާނުގައި ބަޔާން ކުރެވިފައިވާ ގޮތުން އިސްދޫ އާއި ދަނބިދޫގައި ތިބި ކާފަރުން އިސްލާމް ކުރައްވައި، އެ ދެ ރަށުގައި ތިބި ހާމުދުރުންގެ ޖަމާއަތް ނައްތާލައްވައި ބުޑިސްޓް ދީނުގެ ވޭރުތައްވެސް ހަލާކު ކުރެއްވިއެވެ. އަދ ރަށްރަށުގެ އެންމެ ރަނގަޅަށް އެންމެ އެކަށީގެންވާ ތަންތަނުގައި މިސްކިތްތައް ބިނާ ކުރެއްވީވެސް ހަމަ އެ ދުވަސްވަރެވެ.
ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކާ މެދު ތާރީޚީ އިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވީ ނަމަވެސް ރަސްމީ ގޮތުން ކަނޑައަޅުއްވާފައިވަނ،ީ ރާއްޖެ އަށް އިސްލާމީ ހިދާޔަތު ގެނެސްދެއްވީ މަޣުރިބުކަރައިގެ (މޮރޮކޯ) ގެ ބޭކަލެއްކަމަށްވާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ ކަމަށެވެ. އަދި ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަހަކީ 2 ރަބީޢުލް އާޚިރު 548 ހ. (22 ޖޫން 1153 މ.) ވީ ހުކުރުދުވަހެވެ. ރާއްޖެއަށް އިސްލާމީ ހިދާޔަތުގެ އަލިކަން ގެނެސްދެއްވި "އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ"ގެ މަގުބަރާ އަކީ މާލޭ މެދުޒިޔާރަތެވެ. މިފަދަ މަޢުލޫމާތު ލިބޭނެ ދިވެހިތާރީޚުގެ އެންމެ މުސްކުޅި ލިޔުންތަކަކީ އެވޭލާ އިސްދޫ ލޯމާފާނާ، ދަބިދޫ ލޯމާފާނެވެ.
ރާއްޖެ އިސްލާމްވުމަކީ ދިވެހިންގެ ތާރީހުގައި ހިނގާފައިވާ އެންމެ މުހިންމު ހާދިސާއެވެ. ރާއްޖެ އިސްލާމްވުމުގެ ސަބަބުން، ދިވެހިންގެ ހިތްތައް އެ ދީނުގެ އުޖާލާވުމުގެ އިތުރަށް، ދިވެހި ހަޟާރާތަށްވެސް ވަރަށް ގިނަ މުހިންމު ބަދަލުތަކެއް އައިސްފައިވެއެވެ. މިގޮތުން ލިޔެކިޔުމަށާއި ދިރިއުޅުމނުގެ އާދަކާދައަށްވެސް މަތިވެރި އިސްލާހުތައް އައިސް، އެކުވެރިކަމާއި އެއްބައިވަންތަކަންވެސް ރާއްޖޭގެ މުޖުތަމައުއެއް ލިބިގެންދިޔައެވެ.