އަޅުގަނޑުމެންގެ މެދުގައި މި އޮތް ހަމަޖެހުމާއި ޞުލްޙަވެރިކަމުގެ އަޞްލަކީ، މުޖުތަމަޢުގެ ބަދަހިކަމަށް އިސްލާމް ދީނުގައި ދީފައިވާ ސަމާލުކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ރައީސް ސޯލިހު ފޮނުއްވި ހިތާބުގައި ވިދާޅުވީ، އަޅުގަނޑުމެންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އަޞްލަކީ، މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ތަރުބަވީ ފިލާވަޅުތަކުންނާއި ޢަމަލީ ގޮތުން ދެއްކެވި ނަމޫނާއިން މުސްލިމުންގެ މެދުގައި ގާއިމުކޮށްދެއްވި އެއްބަނޑުއެއްބަފާކަމުގެ ގުޅުން ކަމަށެވެ.
"ބައިނަލްއަޤުވާމީ މަސްރަހުގެ ދުރާއި ގާތުން އަޅުގަނޑުމެންނަށް ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، ދިވެހިންގެ މެދުގައި އިސްލާމީ ހިދާޔަތުގެ އަލިކަން ފެތުރިފައި އޮތުމަށް މާތް ﷲ މިންވަރުކުރެއްވިކަމީ، އެ ކަލާނގެ ދިވެހިންނަށްޓަކައި ދެއްވި ހާސް ނިޢުމަތްކަން ކަށަވަރު" ރައީސް ސޯލިހު ދެއްވި ފޮނުއްވި ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ކުރިއެރުމާއި ތަރައްޤީއަށް ލިބޭ އެންމެ ވަރުގަދަ ހަކަތައަކީވެސް، އަޅުގަނޑުމެންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ކަމަށާއި، އަދި އެ ގުޅުމުގެ ބަދަހިކަމުން، އަޅުގަނޑުމެންގެ ރާއްޖޭގައި ގާއިމުވެފައި މިއޮތް ހަމަޖެހުމާއި ޞުލްޙަވެރިކަން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި އެހެންކަމުން، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ހަރުލައްވައި، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި އެކުދިން ތަރުބިއްޔަތުކުރުމަކީ، ދިވެހި އުންމަތުގެ ކުރިމަގުގެ އުޖާލާކަމަށްޓަކައި، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ޙަޤީޤީ ބޭނުމަކަށް ވާންޖެހޭނީ، އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިސްލާމީ ގިއުގަނޑުގެ ތެރޭގައި ހިފެހެއްޓުމުގެ ޢަޒުމް އާކުރުކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އިސްލާމް ދީނުގެ ބިނާ ނެގެހެއްޓުމަށްޓަކައި، ނަމާދުތައް ފުރިހަމައަށް އަދާކުރުމަށް އަޅުގަނޑުމެން ސަމާލުކަން ދިނުމަކީ، މިދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ ޢަޒުމްކަމުގައި ހެދުމަށް އިލްތިމާސް ކުރައްވާ ކަމަށާއި، ރޯދަ އާއި ޒަކާތުން ލިބިދޭ ޢިބްރަތްތަކުން، އަޅުގަނޑުމެންގެ ނަފްސުތަކުގައި ކެތްތެރިކަން ހަރުލައްވައި، އަނެކުންނަށް އެހީތެރިވެ އަޅައިލުމުގެ މަތިވެރި ސިފަ އަށަގަންނުވަމަށްވެސް އިލްތިމާސް ކުރައްވާ ކަމަށެވެ.
"އިސްލާމީ ޢަޤީދާއާ ބީރައްޓެހި އޮއިވަރުތަކުން އަޅުގަނޑުމެންގެ ޅަދަރިންގެ ހިތްތައް ދުރުކޮށް، މާތް ﷲގެ އެއްކައުވަންތަކަމުގެ ސާފު އައްސޭރިއަށް އެކުދިން ގެންގޮސްދިނުމަށް މަސައްކަތް ކުރުމުގެ ރޫޙު އާލާކުރުމަކީވެސް، މިދުވަސް ފާހަގަކުރުމުގެ ވަރަށް މަތިވެރި މަޤްޞަދެއް. އިސްލާމް ދީން ގެނެސްދިން އިޖުތިމާޢީ ރިވެތި އަދަބުތަކާއި އަޚްލާޤީ ރީތި ސިފަތައް އަޅުގަނޑުމެންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތް ކުރުމަކީވެސް، މި ދުވަސް ފާހަގަކުރުމުގެ ވަރަށް މުހިންމު މަޤްޞަދެއް. އެކަމަށްޓަކައި ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުންވެސް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް" ރައީސް ސޯލިހު ވިދާޅުވިއެވެ.
މާތްވެގެންވާ އިސްލާމް ދީނާ ގުޅިފައިވާ މިފަދަ އުފާވެރި ދުވަހެއް އަޅުގަނޑުމެން ފާހަގަކުރާއިރު، އިސްލާމީ އުންމަތުގެ އެތައް މިލިޔަން އަޚުންނާއި އުޚުތުންނެއް، ޣައިރު މުސްލިމުންގެ އަނިޔާވެރި ޙަމަލާތަކުގައި ޝަހީދުވެ އަދި ޒަޚަމްވަމުންދާކަމީ، މުޅި އިސްލާމީ އުންމަތަށް ލިބޭ ނުހަނު ބޮޑު ހިތާމައެއް ކަމަށާއި، ޒަޔަނިސްޓު ޔަހޫދީން ފަލަސްޠީނުގެ ބިމަށް ވެރިވެގަނެ، ފަލަސްޠީނުގެ ރައްޔިތުން އަޅުވެތިކޮށް، އެ ބިމުގައިވާ މުސްލިމުންގެ މުޤައްދަސް ބިނާތަކުގެ ޙުރުމަތް ކަނޑަމުން ދިޔުމަކީ، އިސްލާމީ އުންމަތުގެ ހިތަށް ހެރިފައިވާ ނުހަނު ތޫނު ޚަންޖަރެއް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.