ގާޒާއަށް ބޭނުންވާ ސިއްހީ ވަސީލަތްތައް އެތެރެ ނުކުރެވޭތާ ހަތަރު ދުވަސް ވެފައިވާ ކަމަށް ދުނިޔޭގެ ސިއްހީ މައި އިދާރާ ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާޒާގެ ހާލަތު ދުވަހުން ދުވަހަށް ދަނީ ގޯސްވަމުން ކަމަށާއި، އެތަނަށް ބޭނުންވާ ސިއްހީ ވަސީލަތްތައް އެތެރެނުކުރެވި ބޯޑަރުގައި ތަށިވެފައި ތިބޭތާވެސް ހަތަރު ދުވަސް ވެފައިވާ ކަމަށެވެ.
ގާޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބާރުލުން ދިނުމަށާއި، އަދި އިންސާނިއްޔަތުކަމެއް ނެތް ހަނގުރާމަ ހުއްޓާލުމަށްވެސް ޓެޑްރޯސް ވަނީ ގޮވާލާފައެވެ.
އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި ގާޒާއިން ގިނަ ބަޔަކު ޝަހީދުވަމުން އަންނައިރު، ގާޒާއަށް ބޭނުންވާ އަސާސީ ގިނަ ކަނަްކަމުން ވަނީ މަހްރޫމްވެފައެވެ. އަދި ގާޒާއަށް އެތެރެކުރަން މަސައްކަތް ކުރާ އިންސާނީ އެހީތައް އެތެރެކުރެވޭނެ މަގުތައްވެސް އިޒްރޭލުން ދަނީ ބަންދުކުރަމުންނެވެ.