ރާއްޖެއަށް އެތެރެކުރަން އުޅުނު 8.840 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން ބުނީ، ކުރިއަރ އަދި އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ 3 ޝިޕްމަންޓް އަތުލައިގަނެފައިވާ ކަމަށެވެ.
ފުރަތަމަ ޝިޕްމަންޓުން މަސްތުވާތަކެތި ފެނިފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރިއަރ މެދުވެރިކޮށް ޖަރުމަނުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރޭގައި ޕެކޭޖު ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ކުނޑިތަކެއް ފެނުމުން، އެ ތަކެތި ތަހުލީލު ކުރުމުން މެފްޑްރޯންއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އަދި އެ ތަކެތީގެ ބަރުދަނުގައި ޕެކިނާއެކު ޖުމްލަ 2250 ގްރާމް ހުރި ކަމަށެވެ.
މީގެއިތުރުން މި މަހުގެ 5 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައިސްފައިވާ އެއާކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަން ޝައްކު ކުރެވިގެން، އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ޝިޕްމަންޓްގެ ތެރޭގައި ހިމެނޭ ޖުމްލަ 5 ދާގީނާގެ ތެރޭގައި ހުރި އިލެކްޓްރޯނިކް އާލާތުގައި މަސްތުވާތަކެތި ހުރި ޕެކެޓެއް ފޮރުވާފައިހުރިކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނިއެވެ.
ދެވަނަ ކޭސްގައި ފެނުނު ތަކެތި ތަހުލީލު ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އަދި އެ ތަކެތީގެ ޕެކިނުގެ ބަރުދަނުގައި 3040 ގްރާމް ހުރިއިރު އެތަކެތީގެ މަގުމަތީ އަގު 3.8 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.