އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ހުރަސްއެޅުމުގެ ވިސްނުމެއް އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕްގެ ނެތް ކަމަށާއި، ނަމަވެސް ޑރ.މުއިއްޒު ކުރައްވާ ހުވައަކީ ގާނޫނީ ހުވައެއް ކަމަށް ގަބޫލު ނުކުރާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިންމަން ޖެހޭ ކަމަށާއި، އެކަމުގައި ގޮތެއް ނުނިންމައި މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިޔަށް ގެންދިޔުމަށް މަޖިލިސް ގަވައިދު ތަން ނުދޭ ކަމަށެވެ.
މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ނޯޓިސް ހަމަވެ، އެ ޖަލްސާ ނުބޭއްވި، އިންތިހާބީ ރައީސް ޑރރ.މުއިއްޒު ހުވާ ކުރެއްވައިފިނަމަ އެ ހުވައަކީ ގާނޫނާ އެއްގޮތަށް ކުރެވޭ ހުވައެއް ކަމަށް ގަބޫލު ނުކުރާނެ ކަމަށާއި، އަދި އެ މައްސަލައިގައި ގޮތެއް ނުނިންމައި އިންތިހާބީ ރައީސްގެ ކެބިނެޓަށްވެސް ރުހުން ނުދޭނެ ކަމަށެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް 49 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީން މައްސަލަ ހުށަހަޅާފައިވާއިރު، އެ މައްސަލަ އެޖެންޑާ ކޮށްގެންވެސް ކުރިޔަށް ނުގެންދެވެނީ އެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވާ މަޖިލިސްގެ ނައިބްރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީއެވެ. މި މައްސަލަ ކުރިޔަށް ގެންދެވޭނެ މަގެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އިއްޔެ އެ ކޯޓުން ވަނީ ބަލައިގަނެފައެވެ.
ރައީސްގެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނުނިންމާ މަޖިލީހުގެ އެއްވެސް ޖަލްސާއެއް ކުރިޔަށް ގެންދަން އެއްބާރުލުން ނުދޭން އެމްޑީޕީގެ ޕީޖީން ވަނީ ނިންމާފައެވެ.