އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ހޯމަ ދުވަހަށް ތާވަލުކޮށްފި

jxiS2XPZtfzFQQloIAxXwC5TKJcN5pGOMrsZTtbT

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ މަގެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަންނަ ހޯމަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މި މައްސަލަ ތާވަލުކޮށްފައި ވަނީ އަންނަ ހޯމަ ދުވަހު ހެނދުނު 10:00 ޖަހާއިރަށެވެ. އަދި މައްސަލަ ބައްލަވާނީ ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު އާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ހިމެނޭ ބެންޗުންނެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮންނަ ޖަލްސާއަށް މަޖިލީހުގެ ނައިބުރައީސް ހާޒިރުނުވާ ހާލަތެއްގައި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރަން ކަނޑައަޅުއްވައިދެއްވުމަށާއި، އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނުނިންމައި މަޖިލީހުގެ އިތުރު މަސައްކަތެއް ކުރިޔަށް ނުގެންދިޔުމަށް ކަނޑައަޅުއްވައިދެއްވުމަށެވެ.

މި ހަފްތާގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެ ފަހަރަށް އެޖެންޑާކޮށްގެންވެސް ބޭއްވިފައި ނުވަނީ، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވުމާ ގުޅިގެންނެވެ. އީވާ ވަނީ މި ހަފްތާގެ ހަތަރު ދުވަހު މަޖިލީހަށް ސަލާން ފޮނުއްވާފައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމަށް 49 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީން ހުށަހެޅި މައްސަލައިގައި ގޮތެއް ނުނިންމައި، މަޖިލީހުގެ އެއްވެސް ޖަލްސާއެއް ކުރިޔަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. މިގޮތުން އެމްޑީޕީން ވަނީ މައްސަލަ ކުރިޔަށް ނުގެންދެވޭތީ މަޖިލީހުގައި މިދިޔަ ހަތަރު ދުވަހު އިހުތިޖާޖުވެސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *