ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒް ގައިގައި ސައިކަލަކުން ޖެހިގެން ހިނގި އެކްސިޑެންޓްގައި ސައިކަލު ދުއްވަން ހުރި ރ. އިނގުރައިދޫ، ޝަމްއާން އަބްދުލްޝަކޫރު ދެ އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.
މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގެރޭ ފަތިހު މާލޭގައި ހިނގި އެކްސިޑެންޓްގައި ހަފީޒަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، ހަފީޒް ގައިގައި ޖެހުނު ސައިކަލު ދުއްވަން ހުރި ޝަމްއާން އަތުގައި ލައިސަންސް ނެތެވެ. މިގޮތުން ދައުލަތުން ޝަމްއާންގެ މައްޗަށް އުފުލާފައި ވަނީ އަނިޔާއެއް ދިނުމުގެ ދައުވާ ކުށުގެ ދައުވާއެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަށް އޭނާ އިއުތިރާފްވެ، ދައުލަތާއެކު ވަނީ އިއުތިރާފް އެއްބަސްވުމުގައި ސޮއިވެސް ކޮށްފައެވެ. ޝަމްއާން ބަންދުގައި ހުންނަ މުއްދަތު އުނިކުރުމުން އޭނާ ހުކުމުން ތަންފީޒު ކުރަން ޖެހެނީ އެއް އަހަރާއި 10 މަހާއި 29 ދުވަހެވެ.