ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ދެފަހަރު މަތިންވެސް ކުރިޔަށް ގެންދަން ފުރުސަތު ދީފައި ނުވަނީ ގޯސްކޮށް ކަމަށް މަޖިލިސް އިދާރާއިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ދެ ފަހަރު މަތިން އެޖެންޑާ ކޮށްފައިވީ ނަމަވެސް މައްސަލަ ކުރިޔަށް ގެންދެވިފައި ނުވެއެވެ. ފުރަތަމަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ޖަލްސާ ނިންމާލެއްވީ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅީ ނުބައިކޮށް ކަމަށް ބުނެއެވެ. އަދި ދެވަނަ ޖަލްސާގައި ރިޔާސަތުގައި ހުންނެވި އީވާ އަބްﷲ ނިންމާލެއްވީ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްފައިވާތީ މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.
މިކަމާ ގުޅިގެން "ތޭވީސް" އަށް ދެއްވި އިންޓަވިއުއެއްގައި މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ދެވަނަ ފަހަރަށް އެޖެންޑާ ކުރީ ފުރަތަމަ ބޭއްވުނު ޖަލްސާ ގޯސްކޮށް މެމްބަރު އަފީފް ނިންމާލެއްވުމުން ކަމަށާއި، ދެވަނަ ޖަލްސާ މެމްބަރު އީވާ ނިންމާލެއްވީވެސް ގޯސްކޮށް ކަމަށެވެ.
"މައްސަލަ ދެފަހަރު މަތިންވެސް ކުރިޔަށް ނުގެންގޮސް ނިންމާލީ ގޯސްކޮށް. މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތަކާމެދު މިދަނީ މަޝްވަރާ ކުރަމުން" ޒިޔާއު ވިދާޅުވިއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 49 މެމްބަރުންގެ ސޮޔާއެކުގައެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތު ކޮންޓްރޯލް ކުރަމުން އަންނަ ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ މައްސަލަ ކުރިޔަށް ގެންދަން ހުރަސް އަޅާފައެވެ.