ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދަން ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ މަޖިލީހުގެ ނައިބްރައީސް އީވާ އަބްދުﷲ މިއަދުވެސް ހުރަސްއަޅުއްވައިފިއެވެ.
މިއަދު 11:00 ޖެހިއިރު އެޖެންޑާކޮށްފައި އޮތް އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާ ކުރިޔަށް ގެންދާނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ، އީވާ ވަނީ ޖަލްސާ މެދުކަނޑާލާފައެވެ. އަދި ރިޔާސަތުގެ ގޮނޑިކޮޅުން ނުފައިބާ ރިޔާސަތު އެހެން މެމްބަރަކާ ހަވާލު ކުރުމަށްވެސް ވަނީ ދެކޮޅު ހަދާފައެވެ.
މަޖިލިސްގެ ރިޔާސަތު ކޮންޓްރޯލް ކުރައްވަމުން ގެންދަވާ ޑިމޮކްރެޓްސްގެ މެމްބަރުން ނަޝީދު ވަކިކުރުމުގެ ޖަލްސާ ކުރިޔަށް ގެންދަން ހުރަސް އަޅަމުން އަންނައިރު، މައްސަލައިގައި ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެންބަރުންނާއި އަދި މަސްލަޙަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމަށް އެޓާނީ ޖެނެރަލް އިބްްރާހިމް ރިއްފަތު ވަނީ ލަފާ ދެއްވާފައެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 49 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީން ހުށަހަޅާފައިވާއިރު، އެ މައްސަލަ ކުރިޔަށް ނުގެންދެވޭތާ ގިނަ ދުވަސްތަކެއް ވަނީވެފައެވެ. އަދި އެމްޑީޕީން ވަނީ އެ މައްސަލައިގައި ގޮތެއް ނުނިންމައި މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރުމަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެފައެވެ.