ޔޫއޭއީއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކުރާނަން: ރައީސް ޑރ.މުއިއްޒު

330247_8ec119a7-0_

ޔޫ.އޭ.އީ. އާއި ދިވެހިރާއްޖެއާ ދެމެދުގައި އޮތް ގާތް ގުޅުމަށް އާ ދައުރެއް ގެނެސްދެއްވުމަށް، އެ ޤައުމާއެކު ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ 52 ވަނަ ޔޫނިއަން ޑޭ ގެ މުނާސަބަތުގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަފްލާގައި، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ނައިބުރައީސް ޙުސައިން މުޙައްމަދު ލަޠީފް އާއި ދައުލަތުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ޑރ.މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ވަރުގަދަކޮށް، އެއް އަމާޒަކަށް މަސައްކަތްކުރާ ބައެއް ކަމުގައި ވުމުން ހޯދޭ ކުރިއެރުންތައް، މީގެ 52 އަހަރު ކުރިން އެމިރޭޓްސްގައި ހިމެނޭ ޤައުމުތަކުން ގުޅުން ޤާއިމުކޮށް ދެއްކި ނަމޫނާއިން ރަމްޒުކޮށްދޭ ކަމުގައި ވިދާޅުވިއެވެ. އަދި ޔޫ.އޭ.އީ.އަށް ވަރަށް ބޮޑު އިޖާދީ ބަދަލެއް އައިސްފައިވާކަން ފާހަގަކުރައްވައި، މިރޭގެ އުފާވެރި މުނާސަބަތަކީ އެކާމިޔާބީތައް ފާހަގަކޮށް މަރުހަބާ ވިދާޅުވުމަށް ލިބިވަޑައިގަންނަވާ ފުރުސަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ޔޫއޭއީ އަކީ ދުނިޔޭގެ އެންމެ މަޤުބޫލު އެއް މަންޒިލްކަމަށާއި، އެ ޤައުމަކީ ތަރައްޤީއާއި، ފުދުންތެރި ރައްޔިތެއްގެ ފުރިހަމަ މިސާލެއް ކަމުގައި ސިފަކުރައްވައި، ހަމައެއާއެކު، ޔޫ.އޭ.އީ. އަކީ އެޤައުމުގެ ރައްޔިތުންގެ އާދަޔާ ޚިލާފު ރޫޙު ދައްކުވައިދީފައިވާ ޤައުމެއްކަމުގައިވެސް ރައީސް ޑރ.މުއިއްޒު ފާހަގަކުރެއްވިއެވެ.

މި އަހަރަކީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރޭ އަހަރުކަމުގައި ވިދާޅުވެ، ވޭތުވެދިޔަ އަހަރުތަކުގައި ދެޤައުމުގެ ދެމެދުގައި ވަނީ ވަރަށް ރަނގަޅު ގުޅުމެއް އުފެދިފައިކަމުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.  އަދި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމުމަށްޓަކައި، ދާދިފަހުން ޔޫ.އޭ.އީ. އިން އިތުރު ފައިސާގެ އެހީ ފޯރުކޮށްދެއްވިކަމީ، ދެ ޤައުމުގެ ގާތް ގުޅުމުގެ ހެއްކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަހުގެ ފަހުކޮޅު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-28 ގައި ބައިވެރިވެވަޑައިގަތުމަށް އެޤައުމަށް ވަޑައިގަންނަވާނެކަން ރައީސް ޑރ.މުއިއްޒު އިއުލާން ކުރައްވާފައިވާއިރު، އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަހަރުގެ ކޮޕް ބައްދަލުވުމަކީ ޚާއްޞަކޮށް ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މުހިންމު ބައްދަލުވުމެއް ކަމަށާއި، 'ލޮސް އެންޑް ޑެމޭޖް ފަންޑު' ބޭނުންކުރެވޭނެ ގޮތްތައް ފަހިކޮށް، ފުރަތަމަ ފަހަރަށް ނެގޭ 'ގްލޯބަލް ސްޓޮކް ޓޭކް' ގައި ރަނގަޅު ނަތީޖާތަކެއް ހާސިލްކުރެވޭނެކަން ޔަގީންކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި ދުނިޔޭގެ ވެށި ރައްކާތެރިކޮށް ސަލާމަތްކުރުމަށް އެންމެން އެއްބައިވަންތަ ކުރުވަން މަސައްކަތްކުރަންޖެހޭ ކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ރައީސް ޑރ.މުއިއްޒު ކޮޕް-28 ގެ ކާމިޔާބީ ކަށަވަރުކުރުމަށް ރާއްޖެއިން ޔޫ.އޭ.އީ. އަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށާއި، އަދި، ޔޫ.އޭ.އީ. ގެ ރިޔާސަތުގައި ހަރުދަނާ ނަތީޖާތަކެއް ނެރެދޭކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *