އައިޖީއެމްޗްގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލައިފިއެވެ.
މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންއާއެކު ލަމްހާ ހައްޔަރުކޮށްފައިވާއިރު، އެ ދެ މީހުންވެގެން މޭރީ މަރާލި ކަމަށް ދައުލަތުން ތުހުމަތު ކުރެއެވެ. މިގޮތުން މާވިންގެ މައްޗަށް މޭރީ މަރާލުމުގެ ދައުވާކޮށްފައިވާއިރު، ލަމްހާގެ މައްޗަށް ދައުވާކުރީ އެކުގައި ބައިވެރިކަމަށެވެ. އަދި އިތުރު ދެ ދައުވާވެސް ލަމްހާގެ މައްޗަށް ވަނީ އުފުލާފައެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި ލަމްހާ ދޫކޮށްލަން ނިންމާފައިވަނީ ޝަރުތުތަކާއެކު ތިން މަސް ދުވަހުގެ މުއްދަތަށެވެ. މިގޮތުން ރޭގަނޑު 10:00 އިން ފެށިގެން ހެނދުނު 06:00 ޖަހަންދެން ބޭރަށް ނިކުތުން ލަމްހާއަށް ވަނީ މަނާކޮށްފައެވެ.
ލަމްހާ ދޫކޮށްލަން ކޯޓުން ނިންމާފައި ވަނީ އޭނާގެ ފަރާތުން ބައެއް ލިޔުންތަކާއެކު ބަންދަށް ލުޔެއް ދިނުމަށް އެދިފައި ވަނިކޮށެވެ. މިގޮތުން ޓެގު އެޅުވުމަށްފަހު ދޫކޮށްލަދޭން ލަމްހާ ވަނީ ކުރިން ކޯޓުގައި އެދިފައެވެ. ނަމަވެސް ކޯޓުން އޭނާ ބަންދުން ދޫކޮށްލިއިރު ޓެގު އެޅުވުމާ ގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.
މޭރީގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މާވިންގެ ބަންދަށް ލުއި ދިނުމަށް އޭނާގެ ފަރާތުން ހުށަހެޅި ނަމަވެސް، އޭނާގެ ބަންދަށް ލުއި ނުދޭ ގޮތަށް ކޯޓުން ވަނީ ނިންމާފައެވެ.