ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުން ހައްޔަރުކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި، ބަދަލުގެ ގޮތުގައި 20،000 ސްޓާލިންގ ޕައުންޑު ދިނުމަށް ނިންމައިފިއެވެ.
އަލީ ވަހީދުގެ ގާނޫނީ ޓީމުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، 2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އިނގިރޭސިވިލާތުން ކުއްލި ގޮތަކަށް އަލީ ވަހީދު ހައްޔަރު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އަލީ ވަހީދު ކިބައިން އިނގިރޭސި ސަރުކާރުން މައާފަށް އެދިފައިވާ ކަމަށެވެ.

"އަޅީ ވަހީދު އިނގިރޭސި ވިލާތުން ހައްޔަރުކުރި މައްސަލައިގައި އެ ގައުމުގެ ސަރުކާރުގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން ގުޅިފައިވާ ވަކީލުންގެ ޓީމުން އެ ގައުމުގެ ސަރުކާރާއެކު ކުރި މަޝްވަރާތަކާއެކު، އެ ހައްޔަރަކީ ގާނޫނާއި ހިލާފު ހައްޔަރެއް ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އެއްބަސްވެފައިވޭ" އަލީ ވަހީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވަގުތު ނެގިއަސް ޙައްޤަށް ނަސްރު ލިބޭނެ ކަމަށާއި، ހަމްދު ކުރަނީ ހެއްދެވިފަރާތަށް ކަމަށެވެ.
އަލީ ވަހީދުގެ މައްޗަށް ދައުލަތުން ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލައި، މައްސަލަތައް ކުރިޔަށް ދަނިކޮށް ރާއްޖެއިން ބޭރަށް ގޮސްފައިވާއިރު، އަލީ ވަހީދު އެނބުރި ރާއްޖެ އައިސްފައި ވަނީ އޭނާގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔުމުންނެވެ.