ޓެރަރިޒަމާ ދެކޮޅަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތަކަށް އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ތައުރީފުކޮށްފިއެވެ.
ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އިންޑިއާގެ މަސައްކަތަށް ތައުރީފުކޮށްފައިވަނީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިންޑިއާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި މަރުވި މީހުންގެ ހަނދާނުގައި ލަންޑަނުގައި ހުންނަ އިންޑިއާގެ އެމްބަސީއިން ބޭއްވި ރަސްމިއްޔާތަށްފަހު، މީޑިއާއާ ވާހަކަ ދައްކަމުންނެވެ. މެމްބަރުން ވަނީ ސަލާމަތާއި ރައްކާތެރިކަމާއި އަމްނުއަމާން ގާއިމްވެފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

މީޑިއާއާ ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވަނީ މުމްބާއީ ހަމަލާގެ ފަހަތުގައިވާ ލަޝްކަރޭ ތައިބާ ނިސްބަތްވާ ޕާކިސްތާނަށްވެސް ބަހުގެ ހަމަލާތައް ދީފައެވެ. އެގޮތުން ޕާކިސްތާނުން ޒުވާން އިންޖިނޭރުންނާއި ޑޮކްޓަރުންނާއި ވިޔަފާރިވެރިން އުފެއްދުމުގެ ބަދަލުގައި އުފައްދަނީ ޓެރަރިސްޓުންކަމަށް ބައެއް މެމްބަރުން ވަނީ ބުނެފައެވެ. އަދި އެކަން ބަދަލުކޮށް، ހުނަރުވެރި ޒުވާނުން އުފެއްދުމަށް ސަމާލުކަން ދިނުމަށް ޕާކިސްތާނަށް ގޮވާލިއެވެ.