އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75″ ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ނައިބްރައީސް ޙުސައިން މުޙައްމަދު ލަޠީފް، ޖެނީވާއަށް ވަޑައިގެންފިއެވެ.
މި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 11-12 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނައިބްރައީސްގެ މި ދަތުރުފުޅުގައި، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ސްވިޒަލޭންޑްގެ ސަރުކާރާ ގުޅިގެން އިންތިޒާމުކުރާ ހިއުމަން ރައިޓްސް 75 ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން މި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "އިންސާނީ ޙައްޤުތަކުގެ މުސްތަޤްބަލު، ތިމާވެށި އަދި މޫސުން" މި މައުޟޫތަކަށް ޚާއްޞަކޮށް ކުރިއަށްގެންދާ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށާއި، ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިންނާއި އ.ދ.ގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ނައިބްރައީސް ޖެނީވާއަށް ވަޑައިގަތީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި ލެއްވުމަށްފަހުއެވެ.