މާލޭގެ ބާޒާރުން ފިޔާ ލިބުން ދަތިވެ، ފިޔާ ބަސްތާއެއްގެ އަގު 800 ރުފިޔާއިން މައްޗަށް އަރައިފިއެވެ.
"ތޭވީސް" އަށް މައުލޫމާތު ދެމުން ބާޒާރުމަތިން ހޯލްސޭލްކުރާ ބައެއް ފިހާރަތަކުން ބުނީ، ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން ވަގުތީ ގޮތުން ހުއްޓާލުމާ ގުޅިގެން މާލޭ ބާޒާރުން ފިޔާގެ ސްޓޮކްތައް މަދުވެ، އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައި ކަމަށެވެ.

މިގޮތުން ބައެއް ހޯލް ސޭލް ފިހާރަތަކުން ފިޔާ އެއްކޮށް ހުސްވެފައިވާއިރު، މީގެ ކުރިން 350 ރުފިޔާއަށް ލިބުނު ފިޔާ ބަސްތާއެއްގެ އަގު މިހާރު އުޅެނީ 800 ރުފިޔާ އާއި 900 ރުފިޔާއާ ދެމެދު ކަމަށް ވިޔަފާރިވެރިން ބުނެއެވެ. އަދި ވަކިން ފިޔާ ކިލޯއެއް މިއަދު ލިބެން ހުރީ 35 ރުފިޔާ އާއި 40 ރުފިޔާއާ ދެމެދުގައެވެ.
"އިންޑިއާއިން ފިޔާ ލިބުން ދަތިވުމާއެކު ފިޔާގެ އަގު ބޮޑުތަނުން މިވަނީ އުފުލިފައި. ބައެއް ހޯލްސޭލް ފިހާރަތަކުން މިހާރު ވަނީ އެއްކޮށް ފިޔާ ހުސްވެފައި. ދެން އަންނަ ޝިޕްމަންޓް އަދި މިއަށްވުރެ އަގުބޮޑުވާނެ ކަމަށް ލަފާކުރެވޭ" ބާޒާރުމަތީ ހޯލް ސޭލް ވިޔަފާރި ކުރާ މީހަކު ބުނިއެވެ.
ބާޒާރުގައި އިންޑިއާ ފިޔާގެ އަގު ބޮޑުވެފައިވާއިރު، ޕާކިސްތާނު ފިޔާގެ އަގުވެސް ވަނީ ބޮޑުވެފައެވެ. މިގޮތުން ޕާކިސްތާނު ފިޔާ ބަސްތާއެއް މިއަދު ބާޒާރުން ލިބެން ހުރީ 700 ރުފިޔާއަށެވެ.