ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލްކުރުމުގެ މަރުހަލާ އަވަސްކުރަން މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފިއެވެ.
މިއަދު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތައް އިސްލާހުކޮށް، އެ މަރުހަލާގެ ހަމަތަކަކާއި ތަރުތީބަށް ބަދަލު ގެނެސް، ބައެއް ކަންކަމަށް ކަނޑައެޅި ވަގުތުތައް ވަނީ ފާސްކޮށްފައެވެ.
މި ހުށަހެޅުން މިއަދު މަޖިލީހުގެ ތަޅުމުން ފާސްކުރީ ވޯޓުގައި ބައިވެރިވި 55 މެމްބަރުންގެ ތެރެއިން 44 ވޯޓާއެކުގައެވެ. މި ހުށަހެޅުމާ ދެކޮޅަށް 10 މެމްބަރުން ވޯޓު ދެއްވާފައިވާއިރު، އެއް މެމްބަރަކު ވަކިކޮޅަކަށް ވޯޓު ނުދެއްވައެވެ. މަޖިލީހަށް މިއަދު ހާޒިރުވީ 68 މެމްބަރުންނެވެ.
މި އިސްލާހާއެކު ރައީސް އަދި ނައިބު ރައީސް ވަކިކުރުމަށް މަޖިލީހަށް ގަރާރު ލިބުމާއެކު، ދެ ދުވަސް ތެރޭގައި ނޯޓިސް ފޮނުވައި، އެ ދުވަހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބާއްވަން ޖެހޭނެ އެވެ.
މީގެއިތުރުން އާ އިސްލާހާއެކު ރައީސް އާއި ނައިބްރައީސް އަޒުލްކުރުމުގެ މައްސަލައިގައި ބަހުސް ކުރަން ކަނޑައަޅަފައި އޮތް ދެ ގަޑިއިރުގެ ބަހުސް ތިން ގަޑިއިރަށް އިތުރުކޮށް ރަައީސް އަދި ނައިބްރައީސް ދިފާއުގައި ވާހަކަދެއްކެވުމަށް 30 މިނެޓު ލިބޭނެއެވެ. އަދި ރައީސް އާއި ނައިބްރައީސް ދިފާއުވުމަށް ތިން ވަކީލުން ގެންދެވޭނެ ކަމަށްވެސް އިސްލާހުގައިވެއެވެ.
މަޖިލީހުގެ ޖުމުލަ މެމްބަރުންނަކީ އެ ވަގުތެއްގައި މަޖިލީހުގައި ދެމިތިބި މެމްބަރުން ކަމަށްވެސް ނިންމާފައިވާއިރު، މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ދާއިރާއަކަށް އަލުން މެމްބަރަކު އިންތިހާބު ކުރުމާ ހަމައަށް ޖުމްލަ މެމްބަރުން ގުނާއިރު އެ ދާއިރާ ނުގުނުމަށްވެސް ވަނީ ނިންމާފައެވެ. މިއާއެކު، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ގޮތުގައި 87 މެމްބަރުން ތިބިއިރު، ދެން ބަލާނީ 80 މެންބަރުން ތިބި ކަމަށެވެ.
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ މިހާރު 80 ކަމަށް އިއުލާން ކުރައްވާފައެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އިން 80 އަށް ތިރިވެފައި ވަނީ އާ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށް ހަތް މެމްބަރަކު އިސްތިއުފާދެއްވުމާ ގުޅިގެން ގޮނޑިތައް ހުސްވުމާ ގުޅިގެންނެވެ.