ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މުއްދަތި ހަމަވިއިރު ކުރިމަތިލެއްވީ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނަވީން އާއި އެސިސްޓެންޓް ކޮމިޝަނަރު އަލީ ޝުޖާއު ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވުމަށް ހުޅުވާލާފައިވާ ފުރުސަތު މިއަދު 12:00 ޖެހިއިރު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ނަވީންގެ އިތުރުން ޝުޖާއު ކަމަށާއި، އެ ދެ ބޭފުޅުންގެ ނަން ޕޮލިސް ބޯޑަށް ފޮނުވާފައިވާ ކަމަށެވެ.
ޕޮލިސް ކޮމިޝަނަރު އައްޔަނުކުރާނީ ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލްކަން ވަޒަން ކުރުމަށް ފަހުއެވެ.
ޕޮލިސް ކޮމިޝަނަރެއް ހޯދުމަށް އިއުލާން ކޮށްފައި ވަނީ އެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.