އެފްއޭއެމްގެ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އެކައުންޓުގައި ހުރީ އެންމެ 10 ޑޮލަރުކަން "ތޭވީސް" އަށް މައުލޫމާތު ލިބިއްޖެއެވެ.
"ތޭވީސް" އަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ ލޯޔަރު އިބްރާހިމް ރިޒާ ވިދާޅުވީ، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑަށް އެފްއޭއެމް އިން ދޭން ޖެހޭ ފައިސާ ނުދޭތީ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ކޯޓުން ވަނީ ބޭންކްތަކުގައި ހުރި އެފްއޭއެމްގެ އެކައުންޓްތަކުގެ ތަފްސީލް ހޯދުމަށް އެދިފައި ކަމަށާއި، މިގޮތުން މިއަދު ބޭއްވި އަޑު އެހުމުގައި ކޯޓުން ވަނީ އެފްއޭއެމްގެ ބީއެމްއެލް ޑޮލަރު އެކައުންޓުގައި ހުރީ އެންމެ 10 ޑޮލަރު ކަމަށެވެ.
އެފްއޭއެމްގެ ބީއެމްއެލް 3 އެކައުންޓު ހުންނައިރު އޭގެ ތެރެއިން ދިވެހި ފައިސާ ހުރި ދެ އެކައުންޓުގައި ހުރީ 4،231 ރުފިޔާ ކަމަށާއި، އެފްއޭއެމްގެ ނަމުގައި ހުރި މުދާތަކުގެ ތަފްސީލް ހޯދުމަށް ކޯޓުން ބެލި ބެލުމުން 3 ސައިކަލް އެ އިދާރާ ނަން މަތީ ރަޖިސްޓްރީ ކޮށްފައިވާކަން އެނގޭ ކަމަށްވެސް ކޯޓުން ބުނެފައިވާ ކަމަށް ރިޒާ ވިދާޅުވިއެވެ. އަދި އެކައުންޓުތަކުގައި ހުރި ފައިސާތައް އޭޑީކޭ ޓްރޭޑިން ޝިޕިންއަށް ޖަމާކުރަން ކޯޓުން ވަނީ މިއަދު އެފްއޭއެމްގެ ގައިރު ހާޒިރުގައި ނިންމާފައެވެ.
"އެފްއޭއެމް އިން މިއަދުގެ އަޑުއެހުމަށް އައިސްފައި ނުވޭ. އެކައުންޓުތަކުގައި ހުރި ފައިސާތައް އޭޑީކޭއަށް ފޮނުވަން ވަނީ ނިންމާފައި. އަދި އެފްއޭއެމް ނަންމަތީގައި ހުރި ތިން ސައިކަލެއްވެސް ކޯޓުން ވަނީ ހިފަހައްޓާފައި. އޭޑީކޭ ޓްރޭޑިން ޝިޕިންއަށް ދޭން ޖެހޭ ފައިސާގެ ބާކީ ބައި ހޯދުމަށް މިއަދު ކޯޓުން ވަނީ އަޑު އެހުމެއް އެފްއޭއެމްއާއެކު ތާވަލުކުރާނެ ކަމަށް އަންގާފައި" ތޭވީސްއަށް މައުލޫމާތު ދެއްވަމުން ރިޒާ ވިދާޅުވިއެވެ.
އެފްއޭއެމްގެ މައްޗަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސިވިލް ކޯޓުން ހުކުމްކުރީ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑަށް އެފްއޭއެމުން ދޭން ޖެހޭ 152،082.93 ރުފިޔާ ހަތް މަސް ތެރޭގައި ދެއްކުމަށެވެ. ނަމަވެސް ހުކުމާ އެއްގޮތަށް އަހަރެއްވެގެން ދިޔައިރުވެސް އެފްއޭއެމް އިން އޭޑީކޭއަށް ފައިސާ ދީފައެއް ނުވެއެވެ. މީގެއިތުރުންވެސް އޭޑީކޭއަށް އެފްއޭއެމްއިން ފައިސާ ނުދޭ މައްސަލައެއް ސިވިލް ކޯޓުގައި ދަނީ ކުރިޔަށެވެ.
އެފްއޭއެމްއިން ހިދުމަތް ހޯދުމަށްފަހު އަދި މުދާ ގަތުމަށްފަހު ފައިސާ ނުދޭ މައްސަލަ ބޮޑުވެފައިވާއިރު، އެ އެސޯސިއޭޝަނާ ގުޅޭ ޖިނާއީ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެފްއޭއެމްގެ ވެރިން އެ އެސޯސިއޭޝަނަށް ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.