އާބަންކޯއިން ކުރިޔަށްގެންދާ “މަދިރިން ރައްކާ” ކެމްޕޭނަށް ބޮޑު ތަރުހީބެއް!

95676fd8-d5ab-47b1-a901-ededb9119031

މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މިދުވަސްވަރު ގިނަވެފައިވާތީ "މަދިރިން ރައްކާ" ގެ ނަމުގައި ހުޅުމާލެ ސާފުކުރުމުގެ ގައުމީ ހަރަކާތެއް މިއަދު ފަށައިފި އެވެ.

އާބަންކޯއިން ބުނީ، ހުޅުމާލެ 15 ސަރަހައްދަކަށް ބަހާލައިގެން މިއަދު ހެނދުނު 7:30 އިން ފެށިގެން ކުރިއަށް ދިޔަ ސާފުކުރުމުގެ މަސައްކަތުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ވަނީ ބޮޑު ތަރުހީބެއް ލިބިފައި ކަމަށާއި، ގިނަ ބައެއްގެ އެއްބާރުލުމާ އެކު ކުރިއަށްދިޔަ މި ހަރަކާތުގައި ހުޅުމާލޭގެ ގިނަ ސަރަހައްދުތަކެއް ސާފުކޮށް ކާމިޔާބުކަމާ އެކު ނިންމާލީ މިއަދު 11:00 ޖެހިއިރު ކަމަށެވެ.

އާބަންކޯގެ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުން 800 އަށް ވުރެ ގިނަ މީހުން ބައިވިރިވި މި ހަރަކާތް އިފްތިތާހްކޮށްދެއްވުމުގެ ގޮތުން މިނިސްޓަރ ޠާރިޤް އިބްރާހީމް ދެއްކެވި ވާހަކައިގައި، މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށް ފަރުދީ ފެންވަރުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މި ހަރަކާތް ފެއްޓެވުމުގެ ގޮތުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރ ފާހަގަކުރެއްވީ މަދިރީގެ ނުރައްކަލުން ހުޅުމާލެ ސަލާމަތްކުރުމަށް މިއަދު މިފަށާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް، ހުޅުމާލެއަކީ މަދިރިން ރައްކާތެރި ތަނެއްގެގޮތުގައި ދެމެހެއްޓުމަށް އަބަދުވެސް ސަމާލުކަން ދެއްވާނެ ކަމަށެވެ.

މިނިސްޓްރީ އޮފް ހެލްތް އަދި އެޗްޕީއޭ އާ ގުޅިގެން އާބަންކޯއިން މިއަދު ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ޑިފެންސް އަދި މިނިސްޓްރީ އޮފް ފިޝަރީޒް ބައިވެރިވި އެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އާއި، ކަރެކްޝަނަލް ސާވިސް އާއި، އިމިގްރޭޝަން އާއި، ޑީއެންއާރ އާއި އެމްޑަބްލިއުއެސްއީ ވެސް ބައިވެރިވެފައިވާ ކަމަށާއި، މިއަދުގެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ ވެމްކޯގެވެސް ފުރިހަމަ އެއްބާރުލުމާ އެކުގައި ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

ހުޅުމާލެ އަކީ ސާފުތާހިރު އަދި މަދިރިން ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އާބަންކޯއިން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މިގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މަދިރި ދުން ޖެހުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދެއެވެ. މީގެ އިތުރުން މަދިރި އާލާވާފަދަ ތަންތަން ފާހަގަކޮށް އެ ތަންތަނަށް ކެމިކަލް އެޅުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *