މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރަލާއި ބިޔަރާއެކު ހައްޔަރުކުރި ތިން މީހުން ދޫކޮށްލައިފިއެވެ.
ފުލުހުންގެ ހިންގި ފުރަތަމަ އޮޕަރޭޝަނަކީ ގަވައިދާ ހިލާފަށް މާލެއަށް ބަނގުރާ އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މިމަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށާއި، މި އޮޕަރޭޝަންގައި ހުޅުމާލޭގެ ކެފޭއެއް ބަލައިފާސްކޮށް، ބަނގުރަލާއެކު ބަންގްލަދޭޝްގެ 26 އަހަރުގެ ފިރިހެނަކާއި އިންޑިޔާގެ 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކެފޭ ބަލައިފާސްކުރިއިރު 7 ފުޅި ބަނގުރަލާއި 72 ދަޅު ބިޔަރު ފެނިފައިވާ ކަމަށާއި، ނަމަވެސް ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތުކޮށް ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ހިންގި ދެވަނަ އޮޕަރޭޝަނަކީ ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން މިމަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށާއި، މި އޮޕަރޭޝަނުގައި މާލޭގެ ގެއެއް ބަލައިފާސްކޮށް 34 ފުޅި ބަނގުރަލާއެކު 42 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ. އަދި އޭނާވެސް ވަނީ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައި ކަމަށެވެ.
ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް ދޫކޮށްލުމާ ގުޅިގެން އެމީހުން މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށާއި، މި މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.