ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން، އަނބުރާ ހިދުމަތަށް ނެރުމަށް ހާއްސަ އުސޫލެއް!

337758_9fc3d56c-5_

އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން، އަނބުރާ ހިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ވޭޖް އުސޫލުން މަސައްކަތްކުރެވޭނެ ގޮތްތަކަށް ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅުއްވާފައިވާ ހާއްސަ އުސޫލު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް އިފުތިތާހު ކޮށްދެއްވައިފިއެވެ.

މި ހާއްސަ އުސޫލު ނައިބްރައީސް އިފުތިތާހު ކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު މިނިސްޓްރީ އޮފް ހެލްތުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ.

ރައީސް އޮފީހުން ބުނީ، މިނިސްޓްރީ އޮފް ހެލްތާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން އެކުލަވާލާފައިވާ މި އުސޫލުގެ ދަށުން ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނެރުމަށް މަގުފަހި ކޮށްދިނުމަށްޓަކައި، އެފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީގައި އެކުލަވާލައި، އެފަރާތްތައް ވޭޖް އުސޫލުން ވަޒީފާއަށް ނެރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

މިގޮތުން އާންމު އުސޫލުން މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސުމުގެ ބަދަލުގައި، އިއުލާނެއް ނެތި، ދަފުތަރުގައި ރެޖިސްޓްރީކުރާ ސިއްހީ ހިދުމަތްތެރިންގެ ތައުލީމާއި، ތަޖުރިބާއާއި ހުނަރަށް ބަލައި، މެރިޓް އުސޫލުން "ސިއްހީ ދާއިރާއަށް ހާއްސަ ޑައިރެކްޓް ރެކްރޫޓްމަންޓް" ގެ ދަށުން ވަޒީފާ ހަމަޖެއްސުމުގެ އިންތިޒާމު މި އުސޫލުގެ ތެރެއިން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން މިހާރު އެކި ސަބަބުތަކާ ހުރެ ހިދުމަތުން ދުރުވެފައިވާ ފަރާތްތަކުގެ އެހީތެރިކަމާއެކު ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ޕްރައިމަރީ ހެލްތް ކެއަރގެ އުސޫލުން ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް މިފަދަ ފަރާތްތަކުގެ އެހީތެރިކަން ފޯރުކޮށްދެވޭނެކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ، މި އުސޫލުގެ ތެރެއިން ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން އަލުން ހިދުމަތަށް ނެރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެކުލަވައިލައްވާ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ނުވިނަމަވެސް، އެ ފަރާތަކީ ސިއްހީ ގޮތުންނާއި، ތައުލީމާއި، ތަޖުރިބާ އަދި ހުނަރުގެ ގޮތުން ގާބިލު ފަރާތެއްކަމަށްވާނަމަ، އިދާރީ އޮނިގަނޑުގައި އެ ފަރާތަކަށް ދެވޭނެ މަގާމެއް އޮވެއްޖެނަމަ، އެފަރާތެއް އެ މަގާމަކަށް ނެގުމުގެ ފުރުސަތު ދެވޭނެ ގޮތްވެސް ހަމަޖެހިފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *