ކައުންސިލުގެ މަސައްކަތްތައް އަތުލަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓާލަން އާޒިމް ގޮވާލައްވައިފި

GD4D-4pakAAG3Bn

މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް އަތުލަން ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާލަން އިންތިހާބީ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.

"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ، ރައީސްއޮފީހުގެ ވަޒީރުބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލެއްވުމަށް ސަރުކާރަށް ގޮވާލާ ކަމަށާއި، އަދި މާލޭ ރައްޔިތުން އިންތިހާބުކޮށްފައިވާ މޭޔަރު މަގާމާ ހަވާލުވަންދެން މިއަދު ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ދަންނަވާ ކަމަށެވެ.

"މާލެ ސިޓީގެ ކަންކަން ކުރިއަށްގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައި ވަނިކޮށް، އަދި ގާނޫނުއަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ހިލާފަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލަން" އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.

އާޒިމް މިގޮތަށް ގޮވާލައްވާފައި މިވަނީ މިއަދު ކުއްލިއަކަށް ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި، ކައުންސިލުން ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީއަށް ބަދަލުކުރަން ނިންމުމާ ގުޅިގެންނެވެ. އަދި މި ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމަންޓް މުހައްމަދު ޝާހިދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މާލެ ސިޓީގެ މޭޔަރަކަށް އެމްޑީޕީގެ ކެންޑިޑޭޓް އާޒިމް ބޮޑު ތަފާތަކުން ހޮވުނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި އާޒިމް މޭޔަރުކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *