ފައްޔާޒް ސަރުކާރަށް: މާމުއި ހަނދުވަރުގެ ރޭތައް މިހާ ހިސާބުން ނިމުނީ

89015767-a6c7-4d91-9c4d-08da35b2bfae

މާމުއި ހަނދުވަރުގެ ރޭތައް ނިމިއްޖެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ނުސީދާކޮށް ސަރުކާރަށް މެސެޖެއް ދެއްވައިފިއެވެ.

"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، މާމުއި ހަނދުވަރުގެ ރޭތައް މިހާ ހިސާބުން ނިމުނީ ކަމަށާއި، އަނިޔާވެރިކަމާ އޮޅުވާލުމާ ހުދުމުހުތާރުކަން ހައްޔަރުކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަން މިހާރު މިއޮތީ ޖެހިފައި ކަމަށެވެ.

ފައްޔާޒް މިހެން ވިދާޅުވެފައި މިވަނީ މާލެ ސިޓީގެ މޭޔަރަކަށް އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ހޮވުނުތާ ހަތަރު ވަނަ ދުވަހު ކުއްލިއަކަށް ސަރުކާރުން ކޮންޓްރޯލް ކުރަމުން އަންނަ ސިޓީ ކައުންސިލްގެ ބޮޑެތި ޕްރޮޖެކްޓްތައް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީއަށް ބަދަލު ކުރަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ ހޮނިހިރު ދުވަހު އާޒިމް އިންތިހާބުވުމާ ގުޅިގެން ބޭއްވި އުފާފާޅުކުރުގެ ޖަލްސާގައި ފައްޔާޒް ވިދާޅުވީ މިއީ އަނެއްކާވެސް އައު ހިއްވަރެއް ކަމަށާއި އައު ފެށުމެއް ކަމަށާއި މި ފެށުމަކީ ސަރުކާރު ޖަވާބު ދާރީ ކުރުމަށް ލިބިފައިވާ މުހިންމު ފުރުސަތެއް ކަމަށެވެ. އަދި އެމްޑީޕީގެ މަސައްކަތް އިތުރު ހަރުފަތަކަށް ޖައްސައި ގިނަ މަސައްކަތް ތަކެއް ކުރައްވާނެ ކަމަށާއި، އަދި މީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށަށް ކެމްޕެއިން ހަރަކާތްތައް ފެށިގެން ދާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

"މިއީ އާ ފެށުމެއް، އާ ހިތްވަރެއް، މި ލިބުނު ކާމިޔާބާ އެކު ދެން އޮތް މަސައްކަތަކީ މަޖިލީހުން ރަނގަޅު އަދަދެއް ހޯދައި ސަރުކާރު ޖަވާބުދާރީ ކުރުވުން، މާލެ މުއިއްޒު ކުރުމަށް ފަހު ރާއްޖެ މުއިއްޒު ކުރާކަށް ފުރުސަތެއް ނެތް،" ހޮނިހިރު ދުވަހު ބޭއްވި އުފާފާޅުކުރުމުގެ ޖަލްސާގައި ފައްޔާޒް ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒުގެ ސަރުކާރަށް ދެ މަސް މިއަދަށް ފުރިފައިވާއިރު، އެމަނިކުފާނަށް ވޯޓު ދެއްވި ގިނަ މީހުން އަންނަނީ ސަރުކާރު ހިންގަވަމުން ގެންދަވާ ގޮތަށް ފާޑު ވިދާޅުވަމުންނެވެ. އަދި ސަރުކާރުގެ އެކި ނިންމުންތަކާއި، ގާނޫނާއި ގަވައިދާ ހިލާފަށް ބާރުގެ ބޭނުންކޮށްގެން ސަރުކާރުން ކުރަމުން ގެންދާ ބައެއް ކަންކަމަށްވެސް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *