ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަގާމަށް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ކަމުގެ މަގާމަށް ޑރ.އަލީ ހައިދަރު އަހްމަދު އަދި އެޓަރނީ ޖެނެރަލްގެ މަގާމަށް އަހްމަދު އުޝާމް އައްޔަންކުރައްވައިފިއެވެ.
މިރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑރ.ޝަހީމް އާއި ޑރ.ހައިދަރު އަދި އުޝާމް މަގާމުގެ ހުވާ ކުރައްވާފައިވާއިރު، އެބޭފުޅުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދެވެ. އަދި ހުވާ ކުރެއްވުމަށްފަހު އެބޭފުޅުން ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގުރާރުގައި ސޮއިކުރައްވާފައެވެ.

ރައީސް ޑރ.މުއިއްޒު އޭޖީގެ މަގާމަށް އުޝާމް އާއި އިސްލާމިކް މިނިސްޓަރު ކަމަށް ޑރ.ޝަހީމް އަދި ހައުސިން މިނިސްޓަރު ކަމަށް ޑރ.ހައިދަރު އައްޔަނު ކުރައްވާފައި މިވަނީ ދެވަނަ ފަހަރަށެވެ. އެބޭފުޅުންނަށް މީގެ ކުރިން މަގާމަށް އައްޔަނު ކުރި ނަމަވެސް، މިއަދު ވަޒީރުންނަށް ރުހުން ދިނުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގައި އެބޭފުޅުންނަށް ރުހުން ނުދިނުމަށް ވަނީ ނިންމާފައެވެ.
މިއާއެކު، އަނެއްކާވެސް އުޝާމް އާއި ޑރ.ޝަހީމް އަދި ޑރ.ހައިދަރުއަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅާނެއެވެ. އަދި އެބޭފުޅުންނަށް ރުހުން ދިނުމާމެދު ގޮތެއް ނިންމާނީ މަޖިލީހުގައި ނަގާ ވޯޓުންނެވެ.