އެމްޑީޕީ ސަރުކާރުގައި އޮތަސް، އެމްޑީޕީ އިދިކޮޅުގައި އޮތަސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބެންވާނީ އެމްޑީޕީއަށްކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ތޮއްޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ހުސެން ސަމީރުގެ ކެމްޕޭން ލޯންޗްކުރުމަށް ކެމްޕޭން ޓީމާއެކު އއ.އުކުޅަހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދޭން ޖެހޭކަން އެ ޕާޓީއިން ދައްކައިދީފި ކަމަށެވެ.

މިދިޔަ ދައުރުގައި އެމްޑީޕީ ސަރުކާރުގައި އޮވެ، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމުންވެސް ޒިންމާދާރުކަމާއެކު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަކަން ފާހަގަކުރެއްވާ ޝާހިދު ވިދާޅުވީ ސަރުކާރު ޖަވާބުދާރީކޮށް، އެންމެ ގިނަ އަދަދަކަށް ވަޒީރުން ޖަވާބުދާރީކުރުވީވެސް 19 ވަނަ މަޖިލިސްގައި ކަމަށެވެ.
ސަރުކާރުގަވެސް، އިދިކޮޅުގަވެސް އެމްޑީޕީއިން ޤާނޫނު އަސާސީ ޙިމާޔަތްކޮށް، ޤާނޫނުގެ ވެރިކަން ދަމަހައްޓާނެކަމަށާއި، ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކޮށްދޭނެ ކަމަށާއި، އަދި މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން އަމަލުކުރައްވާނީ އެޔާ ޚިލާފަށްކަމަށް ޝާހިދު ވިދާޅުވިއެވެ