އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ އާންމު ނިޒާމެއް ޤާއިމްކުރުމަށް ސްޓެލްކޯއިން ތައްޔާރުވެއްޖެއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުފުޅުތައް ހަޤީޤަތަކަށް ހެދުމަށް ސްޓެލްކޯއިން ކުރާ ކަމެއް ކަމަށެވެ. ފަހުމީ ވިދާޅުވީ ޤައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާއިއެކު، ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑު ބޮޑުވެފައިވާކަމަށެވެ.

ފަހުމީގެ ޕޯސްޓްގައި ވިދާޅުވީ އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ އާންމު ނިޒާމެއް ޤާއިމްކުރުމުގެ ބޭނުމަކީ އެފަދަ އުޅަނދުތައް ގެންގުޅޭ ފަރާތްތަކާއި، ގެންގުޅެން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަކަމާއިއެކު މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށެވެ. ސްޓެލްކޯއިން އިލެކްޓްރިކް އުޅަނދު ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރުމަށް ނިންމާފައިވަނީ އެކުންފުނީގެ ހެޑް އޮފީހާއި އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައެވެ.

ފަހުމީ އިތުރަށް ވިދާޅުވެފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދާއި ދެ ފުރޮޅުލީ އުޅަނދުވެސް ޗާޖު ކުރެވޭގޮތަށް ޤާއިމްކުރާ މި ވަޞީލަތް ޤާއިމްކުރުމާއި ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލާއި މިހާރު މަޝްވަރާކުރެވިފައިވާ ކަމަށާއި، މިކަމުގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ކައުންސިލުން ދެއްވާފައިވާ ކަމަށެވެ.
އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ އާންމު ނިޒާމެއް ޤާއިމްކުރުމަށް ސްޓެލްކޯއިން މިހާރު މަސައްކަތް ކުރަމުންދާއިރު ލަސްތަކެއް ނުވެ މި ޚިދުމަތް ފެށުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.