ރާއްޖޭގައި ކަރަންޓު އުފައްދަނީ ޑީސަލް ޖަނަރޭޓަރުތަކުން ކަމަށްވާތީ، ކަރަންޓުގެ އަގު ނިސްބަތުން ބޮޑުވެފައިވާ ރާއްޖޭގައި، ކަރަންޓު ސަލާމަތްކުރުމަކީ ތިމާވެށްޓަށް ޒިންމާދާރު ޢަމަލެއްގެ އިތުރުން މާލީގޮތުން ވެސް ވިސްނުންތެރި ކަމެކެވެ. ގިނަ ދިވެހިން ކަރަންޓު ބިލު ކުޑަކުރުމުގެ ގޮތްތަކެއް ހޯދަމުންދާއިރު، އާންމު ބައެއް ގޯސް ވިސްނުންތަކާއި އާދަތަކުގެ ސަބަބުން ގިނަފަހަރު ބޭކާރުގޮތުގައި ކަރަންޓު ބޭނުންކުރެވެއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ކުދިކުދި ބަދަލުތަކެއް ގެނެސްގެން، ރައްޔިތުންނަށް ކަރަންޓު ބިލު ބޮޑުތަނުން ކުޑަކުރެވޭނެއެވެ. އަދި މިއާއެކު ޤައުމުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެހީތެރިވެވޭނެއެވެ.
ކަރަންޓު ސާމާނު ބޭނުންކުރުމާ ގުޅޭގޮތުން އާންމުވެފައިވާ ގޯސް ވިސްނުންތައް
އާންމުވެފައިވާ އެއް ގޯސް ވިސްނުމަކީ ރިމޯޓް ކޮންޓްރޯލުން ސާމާނު ނިއްވާލުމުން ނުވަތަ ސްޓޭންޑްބައި މޯޑުގައި ބެހެއްޓުމުން ކަރަންޓު ސަލާމަތްވާނެ ކަމަށް ދެކުމެވެ. ނަމަވެސް، ސްޓޭންޑްބައި މޯޑުގައި ވެސް ޓީވީއާއި އެއަރކޮންޑިޝަނަރު އަދި މައިކްރޯވޭވް އަވަނުފަދަ ތަކެތިން ކުޑަ މިންވަރެއްގެ ކަރަންޓު ބޭނުންކުރެއެވެ. މިއީ "ފެންޓަމް ލޯޑު" ގެ ގޮތުގައި ވެސް ރިފަރކުރާ ކަމެކެވެ. މި ކަރަންޓު، ވަކިވަކިން ކުޑަ މިންވަރެއް ނަމަވެސް، ދުވަސްތަކެއް ވަންދެން އެއްވެގެން ކަރަންޓު ބިލު އިތުރުވުމަށް ބޮޑު ހިއްސާއެއް ކުރެއެވެ.
ގިނަ މީހުން ގަބޫލުކުރާ އަނެއް ކަމަކީ ސީލިންގ ފަންކާތަކުން އެއަރ ކޮންޑިޝަނަރަށްވުރެ މަދުން ކަރަންޓު ބޭނުންކުރާކަމެވެ. އެހެންކަމުން ބައެއް މީހުން ކަރަންޓު ސަލާމަތްކުރުމުގެ ނިޔަތުގައި އަބަދުވެސް ފަންކާ ޖައްސާފައި ބަހައްޓައެވެ. ފަންކާއިން ކަރަންޓު ކުޑަކޮށް ބޭނުންކުރާކަމީ ތެދެއް ނަމަވެސް، ބޭކާރު ގޮތުގައި ފަންކާ ޖައްސާފައި ބެހެއްޓުމުން ބޮޑު މިންވަރަކަށް ކަރަންޓު އިސްރާފުވެއެވެ.
އަލަށް އުފައްދާ އާލާތްތަކަކީ އަބަދުވެސް ހަކަތަ ރައްކާތެރިކުރާ އެއްޗެހި ކަމަށް ހީކުރުމަކީ ވެސް އޮޅުން ބޮޅުން ބޮޑު ކަމެކެވެ. ޒަމާނީ ސާމާނުތަކުގައި ގިނަ ފަހަރަށް ހަކަތަ ސަލާމަތްކުރާ ފީޗާތައް ހުރި ނަމަވެސް، ހުރިހާ ސާމާނަކީ އެއްވަރަކަށް އުފެއްދިފައިވާ އާލާތްތަކެއް ނޫނެވެ. އާ ސާމާނު ގަންނައިރު ހަކަތަ ހަކަތަ ރައްކާތެރިކަމުގެ ރޭޓިން ނުވަތަ "ހަކަތަރި" ފަދަ ލޭބަލްތަކަށް ބަލައިގެން ސާމާނު ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ހަކަތަ ސަލާމަތް ކުރުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުން
ބޭނުން ނުކުރާ ޑިވައިސްތައް އަންޕްލަގް ކުރުން: ހަކަތަ ސަލާމަތް ކުރުމަށް ފަސޭހަ ނަމަވެސް ފައިދާހުރި ގޮތަކީ ބޭނުން ނުކުރާ ވަގުތުތަކުގައި ޑިވައިސްތައް އަންޕްލަގް ކުރުމެވެ. މި ފިޔަވަޅަކީ ގިނަ ގޭބިސީތަކުގައި ކަރަންޓް ބޭނުންކުރާ މިންވަރުގެ ގާތްގަނޑަކަށް %5-10 އަށް ބާރުފޯރުވާ ފެންޓަމް ލޯޑް ކުޑަކުރެވޭނެ ފިޔަވަޅެކެވެ.
އެއަރކޮންޑިޝަނަރ ބޭނުންކުރުން އޮޕްޓިމައިޒްކުރުން: ރާއްޖޭގެ މޫސުމަށް ބަލާއިރު، އެއަރކޮންޑިޝަނަރަކީ ގިނަ ގޭގޭގައި ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ނަމަވެސް އާންމުކޮށް މިހާރު ބޭނުންކުރާ ގޮތަށްވުރެ ރަނގަޅަށް އެއަރކޮންޑިޝަނަރ ބޭނުންކުރެވޭނެ ގޮތްތަކެއް އެބަހުއްޓެވެ. މާބޮޑަށް ފިނި ސެޓިންގއެއްގެ ބަދަލުގައި 25-26 ޑިގްރީ ސެލްސިއަސްއަށް އެއަރކޮންޑީޝަނަރ ސެޓް ކުރުމަކީ ހަކަތަ ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމެކެވެ. މީގެ އިތުރުން އެއާކޮންޑިޝަން އާއިއެކު ސީލިންގް ފަންކާ ބޭނުންކުރުމަކީ އެއަރކޮންޑިޝަނަރއަށް ބޭނުންކުރާ ކަރަންޓު ސަލާމަތްކުރެވޭނެ ގޮތެކެވެ.
ގަވާއިދުން ސާމާނު ބެލެހެއްޓުން: އާލާތްތައް، ޚާއްޞަކޮށް އެއަރކޮންޑިޝަނަރާއި ފްރިޖް ރަނގަޅަށް ބެލެހެއްޓުމަކީ އެތަކެތިން ކަރަންޓޫ އިޤުތިޞާދު ކުރާ މިންވަރު އިތުރުކުރެވޭނެ ކަމެކެވެ. އެއާ ފިލްޓަރުތައް ޤަވާއިދުން ސާފުކުރުމާއި، ލީކު އުޅޭތޯ ބެލުމާއި، ޔުނިޓްތައް ސާވިސް ކުރުމަކީ އެ ތަކެތި ބޭނުންވާ ވަރަށްވުރެ އިތުރަށް މަސައްކަތްކޮށް، ބޭނުންވާ ވަރަށް ވުރެ ގިނައިން ހަކަތަ ބޭނުންކުރުމުން ދުރުކޮށްދޭނެ ކަމެކެވެ.
ހަކަތަ ރައްކާތެރިކުރާ ލައިޓިންގ ބޭނުންކުރުން: އާދައިގެ ބޮކިން އެލްއީޑީ ލައިޓިންގއަށް ބަދަލުކުރުމަކީ ކަރަންޓު އިޤުތިޞާދު ކުރުމަށް ކުރެވިދާނެ މުހިއްމު ކަމެކެވެ. އެލްއީޑީ އަކީ އާދައިގެ ބޮތްކަށްވުރެ %80 އާއި ހަމައަށް މަދުން ހަކަތަ ބޭނުންކުރާ އަދި ގިނަ ދުވަހު ބޭނުން ކުރެވޭ އެއްޗަކަށް ވާތީ، ދިގު މުއްދަތުގައި މިއީ ޚަރަދު ކުޑަ ޗޮއިސްއެކެވެ.
ގުދުރަތީ އަލިކަމާއި ވައި ދައުރުވުން: ދުވާލު ގަޑީގައި ގުދުރަތީ އަލި ބޭނުންކުރުމަކީ ކަރަންޓު ބޭނުންކުރަންޖެހޭ އާޓިފިޝަލް އަލިކަން ބޭނުންކުރުން ކުޑަކޮށްދޭ ކަމެކެވެ. ގުދުރަތީ ވައި ދައުރުވާ ގޮތަށް ކުޑަދޮރާއި ދޮރުތައް ހުޅުވާފައި ބެހެއްޓުމަކީ ޚާއްސަކޮށް ދުވަހުގެ ފިނި ވަގުތުތަކުގައި ފަންކާ އާއި އެއާކޮންޑިޝަން ބޭނުންކުރުން މަދު ކުރެވޭނެ ކަމެކެވެ.
ހަކަތަ ރައްކާތެރިކުރުމުގެ ދިގުމުއްދަތުގެ ފައިދާތައް
ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ކުދިކުދި ބަދަލުތަކުގެ ސަބަބުން ދިގު މުއްދަތުގައި ކަރަންޓު ބިލުން ވަރަށް ބޮޑު ބައެއް އިޤުތިޞާދު ކުރެވިދާނެއެވެ. އެގޮތުން މަތީގައި ބަޔާން ކުރެވުނު ފަދަ ކުދިކުދި ކަންކަމުގެ އިތުރުން ގެއަށް އެކިއެކި އާލާތްތައް ގަންނައިރު އެއީ ކިހާވަރަކަށް ކަރަންޓު ބޭނުންކުރާ، ކިހާ އެނަރޖީ އެފިޝަންޓް އާލާތްތަކެއްތޯ ބެލުން މުހިއްމެވެ. މިފަދައިން ބަލައިގެން ގެއަށް އެކިއެކި އާލާތްތައް ގަނެ، އެތަކެތި ބޭނުންކުރުމުގައި ވެސް ކަރަންޓު އިޤުތިޞާދު ކުރުމަށް ސަމާލުކަން ދެވޭ ނަމަ، ދިގު މުއްދަތަށް ބަލާއިރު ކަރަންޓަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަކުރެވޭނެއެވެ.