ސްޓެލްކޯގެ ހޮޓްލައިން، 1545 ތައާރަފުކޮށްފި

WhatsApp Image 2024-08-28 at 16.10.10

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން، 1545 ތައާރަފުކޮށްފިއެވެ.

ބުދަ ދުވަހުގެ މެންދުރުފަހު 15:45 ގައި ސޯޝަލް މީޑިއާ ޕްލެޓްފޯލްމަތުގައި ލައިވް ޕްރިމިއަރއެއްގެ ގޮތުގައި ތައާރަފުކުރި މި ހޮޓްލައިނަކީ، ސްޓެލްކޯގެ އެކި ޚިދުމަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށާއި ޝަކުވާ ހުށަހެޅުމަށް ތަޢާރުފުކުރި ހޮޓްލައިނެކެވެ.

ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދޭން ފެށިތާ މި އަހަރު 75 އަހަރު ފުރޭއިރު، އަލަށް މި ތައާރަފުކުރި ހޮޓްލައިނަކީ އެ ކުންފުނީގެ ފަރާތުން ޚިދުމަތް ފުޅާކޮށް، ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށާއި، ޚިދުމަތުގެ ފެންވަރު ކުރިއެރުވުމުގައި ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއަށް އިތުރުވެގެންދިޔަ ބޮޅެކެވެ.

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރގެ ހޮޓްލައިންގެ އިތުރުން އެ ކުންފުނިން ވަނީ 'ސްޓެލްކޯ ކެއާ' ގެ ނަމުގައި ބައެއް މެސެޖިންގ އެޕުތައް މެދުވެރިކޮށް އެ ކުންފުނީގެ ޚިދުމަތް ހޯދޭނެ އިންތިޒާމުވެސް ތައާރަފުކޮށްފައެވެ.

1545 ތައާރަފުކުރުމާއި ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާއި ގުޅުންހުރި މަޢުލޫމާތާއި، ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތަކާއި، ކުންފުންޏާއި ގުޅުންހުރި އެނޫންވެސް ކަންކަމުގައި ސްޓެލްކޯގެ ހޮޓްލައިން 1545 މިހާރު ބޭނުން ކުރެވޭނެކަމަށެވެ.

"ސްޓެލްކޯގެ ޚިދުމަތުގެ ދިގު ތާރީޚުގައި، ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއިއެކު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ނުކުރެވިއޮތް ކޯލް ސެންޓަރުގެ މަސައްކަތް ނިންމާ، މާތްﷲގެ ހެޔޮ ރަޙުމަތްފުޅާއެކު މިއަދު މި ވަނީ ބޭނުން ކުރަން ފަށާފައި. ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާއި ގުޅުންހުރި މަޢުލޫމާތާއި، ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތަކާއި، ކުންފުންޏާއި ގުޅުންހުރި އެނޫންވެސް ކަންކަމުގައި ސްޓެލްކޯގެ ހޮޓްލައިން 1545 މިހާރު ބޭނުން ކުރެވޭނެ. މީގެ އިތުރުން ސްޓެލްކޯގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއަރގެ ޚިދުމަތާއިއެކު ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުޢާމަލާތު ކުރެއްވޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ސްޓެލްކޯއަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކަށަވަރުވެފައިވާ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން"، އެކްސްގައި ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ސްޓެލްކޯއިން ދަނީ އެ ކުންފުނީގެ ޚިދުމަތް ފުޅާކޮށް، ކަސްޓަމަރުންނަށް ފަހި ޚިދުމަތްތަކެއް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ކުންފުނީގެ ހޮޓްލައިން ތައާރަފު ކުރިއިރު، އެ ކުންފުނިން މިހާރު ދަނީ ކަސްޓަމަރުންނަށް މިހާރަށްވުރެ ރަނގަޅު ޚިދުމަތްތަކެއް ދެވޭނެ ގޮތަށް ބިޒްނަސް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *