ސްޓެލްކޯއިން ތިރީސްހާހަށްވުރެ ގިނަ ގަސް އިންދައިފި

WhatsApp Image 2024-08-28 at 16.11.47

މި އަހަރުގެ ތިމާވެށީގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވި '5 އަހަރުން 5 މިލިއަން ގަސް' ޕްރޮގްރާމްގައި ބައިވެރިވުމަށް، 5 އަހަރުން 5 ލައްކަ ގަސް އިންދުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ފެށި ހަރަކާތުގެ ތެރެއިން މިހާތަނަށް ތިރީސް ހާހަށްވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިއަދު އާންމުކުރި އަދާހަމަ ހިސާބުތަކުން ދައްކާ ގޮތުގައި 3 ދުވަހެއްގެ މަތިން އެ ކުންފުނިން މިހާރު ވަނީ ޖުމްލަ 30،371 ގަސް އިންދާފައެވެ.

މީގެ ތެރޭގައި ހިމެނެނީ ގަސް އިންދުމުގެ ޙަރަކާތް ފެށުމަށް 5 ޖޫން 2024 ގައި ކ. ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ ރަށުގައި އިންދި 6000 ގަހާއެކު، ސްޓެލްކޯއިން ޚިދުމަތްދޭ 33 ރަށެއްގައި އެ ދުވަހު އިންދާފައިވާ ޖުމްލަ 21،007 ގަހާއި، ކ. ދިއްފުށި އައު އިންޖީނުގޭގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ޚަވާސާގައި އެ ރަށުގައި އިންދި 1000 ގަހުގެ އިތުރުން 24 އޯގަސްޓް 2024 ގައި ސްޓެލްކޯއިން ޚިދުމަތްދޭ 33 ރަށުގައި އިންދި ޖުމްލަ 8364 ގަހެވެ.

ސްޓެލްކޯއިން ބުނީ ފަސް ލައްކަ ގަސް އިންދުމުގެ އަމާޒަށް ވާޞިލްވުމަށް، ކުރިއަށް އޮތް ތާންގައި ކޮންމެ މަހަކު ވެސް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ގަސް އިންދުމުގެ ޙަރަކާތް ކުރިއަށް ގެންދާނެ ކަމަށެވެ.

ހަކަތަ އުފެއްދުމަށް ސްޓެލްކޯއިން ކުރާ މަސައްކަތުގެ ތެރެއިން އުފެދޭ ކާބަން ފުޓްޕްރިންޓް ކުޑަކޮށް، ކާބަން އޮފްސެޓް ކުރުމުގެ އަމާޒުގައި ފެށި މި ޙަރަކާތުގައި ހިޔާލިބޭ ބޮޑެތި ގަސްގަހުގެ އިތުރުން ތަރުކާރީއާއި މޭވާ އަދި ހޭޅިފަށް ރައްކާތެރިކުރާ ފަދަ ގަސް އިންދުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ.

ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ 2023 ވަނަ އަހަރު ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ޤައުމީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ ޕްރޮގްރާމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *