އިސްލާމީ މަރުކަޒުގެ މުންނާރު ވަށައިގެން ހަދާފައިވާ ފައްވާރު މަރާމާތުކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓެރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ފަށައިފިއެވެ.
ސްޓެލްކޯއިން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ، 1984 ވަނަ އަހަރު ހުޅުވި އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާއި ދިމާކޮށް، އެ މަރުކަޒުގެ މުންނާރު ވަށައިގެން ކުރިން ފައްވާރެއް ހުރި ބައިގައި މަސްފެންގަނޑެއް ހެދުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިޢުލާނުކުރުމަށްފަހު، ރާއްޖޭގެ މާލީ ހާލަތު ހުރިގޮތަށް ރިއާޔަތްކޮށް، އިޢުލާނު ބާޠިލްކޮށްފައިވަނިކޮށެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ދާދިފަހުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ ޝަހީމް އަލީ ސައީދުއާއި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ސަގާފީ އަދި ދީނީ ތަންތަން ހިމާޔަތްކުރުމަށް އެހީތެރިވުމުގެ ފުރުސަތުތައް ހޯދުމަކީ ސްޓެލްކޯއަށް ލިބޭ ޝަރަފެއް ކަމަށާއި އިސްލާމީ މަރުކަޒުގެ މުންނާރުގެ ތިރީގައި ވާ ފެންގަނޑަކީ އެ މަރުކަޒުގެ ތާރީޚާއި ގުޅިފައިވާ މުހިންމު ތަނެއް ކަމުން އެ ތަނަކީ ވަރަށް ހިތްގައިމު ތަނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސްޓެލްކޯއިން ޝައުގުވެރިވާ ކަމަށެވެ.
އޭގެ ފަހުން މިއަދު ފަހުމީ ވަނީ އެކްސްގައި އިތުރު ޕޯސްޓެއް ކުރައްވައި މި މަސައްކަތް ފެށުނުކަން ހާމަކުރައްވާފައެވެ.
އިސްލާމި މަރުކަޒަށް 40 އަހަރު ފުރޭނީ އަންނަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ.