ސެޓެލްމެންޓް އެއްބަސްވުމުގެ ގޮތުގައި ބަދަލުދިން މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ ވޯޓުންނެވެ. މި ރިޕޯޓް ފާސްކުރުމާ ދެކޮޅަށް ވޯޓު ދީފައިވަނީ 11 މެންބަރުންނެވެ.
ޖިނާއީ ތަހުގީގެއް ހިންގުމަށް ދެންނެވުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ސިޔާމް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ މައްޗަށެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ، ދައުލަތުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާ ފައިސާއާގުޅޭ މައްސަލަ ދިރާސާކޮށްފަ އެވެ. އެގޮތުން މާލިއްޔަތު ކޮމިޓީންވަނީ 2019 ވަނަ އަހަރުން 2023 ވަނަ އަހަރާ ހަމައަށް ސޮއިކޮށްފައިވާ ސެޓެލްމަންޓް އެއްބަސްވުންތަކަކީ އުފެދުމުގައިވެސް ބާތިލު އެއްބަސްވުންތަކެއް ކަމުގައި އެކޮމިޓީއަށް ފެންނަ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.
މާލިއްޔަތު ކޮމިޓީން ހުށަހަޅާފައިވަނީ، އެ އެއްބަސްވުންތައް ބާތިލު ކުރެއްވުމަށް ޤާނޫނީގޮތުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކުރެއްވުމަށެވެ. އަދި ބަދަލުގެ ގޮތުގައި ދެއްވާފައިވާ އެއްޗެއް އަނބުރާ ދައުލަތަށް ހޯއްދެވުމަށް އެޓާނީ ޖެނެރަލަށާއި ކަމާގުޅުންހުރި އިދާރާތަކަށް ދެއްނެވުމަށެވެ.