ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގަންނަވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ، ލޮކްސަބާ ރައީސްގެ ދައުވަތަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުއްރަހީމް މި ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހު އެވެ.
މިއީ އިންޑިއާއިން އަވަށްޓެރި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާ އެކު ގުޅުން ބަދަހިކުރުމުގެ ގޮތުން ދީފައިވާ ދައުވަތެކެވެ.
އަބްދުއްރަހީމް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވިއިރު ފެނިފައިވަނީ، އިންޑިއާއަށް ވަރަށްބޮޑަށް ފާޑުކިޔާ ވާހަކަ ދައްކާފައިވާތަނެވެ. އެގޮތުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމަށްބުނެ "އިންޑިއާ އައުޓް"ގެ ނަމުގައިވެސް ހަރަކާތްތަކެއް ހިންގާފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު އިންޑިއާ އާއިއެކު އޮތް ގުޅުން ހީނަރު ސިޔާސީ ނުކަނަވަސްކަމަކަށް ދިޔައެވެ. އެހެންނަމަވެސް މިހާރު ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާއިރު ރައީސް މުއިއްޒު ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފަ އެވެ.