ސުޕްރިޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު މަސައްކަތުން އެކަހެރި ކޮށްފި އެވެ.
ރަޖުނީ ޝުއައިބުއާއި ގުޅިގެން ދެކެވޭ ވާހަކަތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަން ފަށާފައިވާ ކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފަ އެވެ.
ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މިރޭ ވިދާޅުވީ، ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަގާމުގައި މަސައްކަތްކުރައްވަމުން ގެންދަވާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ކުރައްވަމުން ގެންދެވި މަސައްކަތްތައް ވަގުތީގޮތުން އެހެން ފަރާތަކާއި ހަވާލުކުރެވިފައިވާ ކަމަށެވެ.
މިކަމަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގައި މިވަގުތު ކުރަމުންގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމާއި އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީންކުރުމަށްޓަކައި ގެނައި ބަދަލެއް ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.
މީގެއިތުރުން މި ނިންމުމަކީ އެސްޕީ ރަޖުނީ ޝުއައިބާ ގުޅޭގޮތުން ފުލުހުން ޔަގީންކުރަމުންދާ ކަންކަމުގައި، އެފަރާތުން އެއްވެސް ނުރަނގަޅު އަމަލެއް ހިންގާފައިވާކަން މިހާތަނަށް ފާހަގަކުރެވިގެން ނިންމި ނިންމުމެއް ނޫންކަމުގައިވެސް ބުނެފައިވެ އެވެ.
ސޯޝަލްމީޑިއާގައި އަންނަނީ ރަޖުނީއަށް ވެސް ނުގަވާއިދުން ވިނަރެސް ފުލެޓެއް ދީފައިވާ ކަމުގެ ތުހުމަތުތައް ކުރަމުންނެވެ.