ޕީއެންސީ ހަރުގޭގައި އެމްޑީޕީއާ ގުޅުވާ ދެއްކި ވާހަކަތައް ތަހުގީގުކުރަން ގޮވާލައިފި

GV-zW2daoAEvXrm

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ޕީއެންސީ ހަރުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ދެއްކި ވާހަކަތައް ދޮގުކޮށް އެ މައްސަލަ ބެލުމަށް އެމްޑީޕީއިން ގޮވާލައިފި އެވެ.

ޕީއެންސީން ރޭ ކުރިއަށްގެންދިޔަ ހަރުގެ ޖަލްސާގައި އެމްޑީޕީއަށް ތުހުމަތުކޮށް ނިހާދު ދެއްކި ވާހަކަތަކާއި ގުޅިގެން އެމްޑީޕީން މިއަދި ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިއީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެއްވެސް ހާލެއްގައި ކޮށްގެން ނުވާނެ ފަދަ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ.

"ވެރިކަން ކުރާ ޕާޓީން މިފަދަ ހަގީގަތާ ހިލާފު ތުހުމަތުތައް ކުރަމުން ދިޔުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް މި ޕާޓީން ދެކެމެވެ." އެމްޑީޕީން ބުނެފައިވެ އެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ބަސްމަގު ހުރި ގޮތުން މި އަހަރު ވެސް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުމާ ކުރިމަތިލާން ޖެހުނު ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. އަދި އަނެއްކާ ވެސް ރާއްޖޭގެ ޓޫރިޒަމާ މެދު ބިރުވެރި ތަސައްވުރެއް އުފައްދައި ރާއްޖެ ނޫން އެހެން މަންޒިލުތައް ޓޫރިސްޓުން ހިޔާރުކުރަން ހިތްވަރު ދޭ ގޮތަށް ސަރުކާރުގެ ވެރިންގެ ބަސްމަގު ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެމްޑީޕީން ބުނެފައިވެ އެވެ.

އެމްޑީޕީން ވަނީ ޕީއެންސީގެ ޖަގަހައިގައި ނިހާދު ދެއްކި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ގޮވާލާފަ އެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި އެ އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ ހުރިހާ މުވައްޒަފުންނާއި އަދި ޓޫރިސްޓުންނަށް ހިދުމަތް ދޭ ހުރިހާ ވިޔަފާރިއެއްގެ ސަލަމާތައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް ގޮވާލާފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *