ގޯތި މައްސަލަ: ޕާސްޕޯޓް ހިފެހެއްޓި މީހުންގެ ތެރެއިން 9 މީހެއްގެ ޕާސްޕޯޓް ދޫކޮށްފި

ފުލުހުންގެ މައި މަރުކަޒު--

ބިންވެރިޔާ ހައުސިން ސްކީމްއާއި ގުޅުންހުރި މައްސަލައާއި ގުޅިގެން ޕާސްޕޯޓް ހިފަހައްޓާފައިވާ މީހުންގެ ތެރެއިން 9 މީހެއްގެ ޕާސްޕޯޓް ދޫކޮށްލައިފި އެވެ.

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދުގެ ނަން ލިސްޓުގައި ހިމަނައި އޭނާއަށް ގޯތީގެ ރެޖިސްޓްރީއެއް ހަދައިފައިވާ މައްސަލައިގައި ފެންމަތިވި ކަންތައްތަކާ ގުޅިގެން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި މައްސަލައާއި ގުޅިގެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެ އެވެ. އޭގެތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުވެސް ހިމެނެ އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ޕާސްޕޯޓް ހިފެހެއްޓި މީހުންގެ ތެރެއިން 9 މީހެއްގެ މައްޗަށް ނެރެފައިވާ އަމުރު ބާތިލުކޮށްފައިވާ ކަމަށެވެ. މި މީހުންގެ މައްޗަށް ނެރުނު އަމުރު ބާތިލުކޮށްފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި މަޝްވަރާކޮށް، އެ އޮފީހުގެ ލަފާފުޅުގެ މަތިން ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ޕާސްޕޯޓް ދޫކޮށްލި މީހުންގެ ތެރޭގައި ފަޒުލް އަދި އޭނާގެ ބޭބެ ނުހިމެނޭ ކަމަށެވެ.

ބިންވެރިޔާ ހައުސިން ސްކީމްއާއި ގުޅިގެން ކުރިއަށްގެންދާ ތަހުގީގުގެ ތެރެއިން ފަޒުލް ދިރިއުޅޭ ގެވެސް ވަނީ ބަލައިފާސްކޮށްފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *