ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ލ. މާވަށަށް ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
ރާއްޖެއަށް މި ދުވަސްވަރު މޫސުން ގޯސްވެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ.
މެޓް އޮފީހުން މިއަދު ބުނެފައިވަނީ، ޖެނުއަރީ 1 ވަނަ ދުވަހުގެ 08:00 އިން ޖަނަވަރީ 2 ވަނަ ދުވަހުގެ 08:00 އަށް އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ލ. މާވަށަށް ކަމަށެވެ.
އެގޮތުން މާވަށަށްް 107.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު އދ. މާމިގިއްޔަށް 86.5 މިލިމީޓަރުގެ ވާރޭ، ކ. ދިއްފުށްޓަށް 78.7 މިލިމީޓަރުގެ ވާރޭ، ހުޅުލެއަށް 73 މިލިމީޓަރުގެ ވާރޭ، ހުޅުމާލެއަށް 70.9 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާއިރު މެޓް އޮފީހުން ލަފާކޮށްފައިވަނީ ހޮނިހިރު ދުވަހާއި ހަމައަސް ވިއްސާރަ ކުރާނެ ކަމަށެވެ.